ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދާ ހިލާފުވާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ އާ ގަވާއިދެއް ނެރެފައި އެވެ.
މިނިސްޓްރީން ނެރުނު ގަވައިދުގައި ބުނީ ކަނޑު އުޅަނދު ދުއްވުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ އެ މީހެއްގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާނެ ކަމަށެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް، އުޅަނދެއް ދުއްވައިފި ނަމަ ފުރަތަމަ ފަހަރަށް 1،500 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން ފާހަގަ ކުރާނެ އެވެ. ދެވަނަ ފަހަރު 3،000 ރުފިޔާ އިން ޖޫރިމަނާކޮށް، ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އޭގައިވެ އެވެ.
އަދި އެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހަށް މައްސަލަ ހުށަހެޅޭނެކަމަށް ވެސް އެ ގަވާއިދުގައި ވެ އެވެ.
ލައިސަންސް ބާތިލުކޮށްފައިވަނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެ ނަމަ، 10،000ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން އެ ގަވައިދުގައި ބުނީ ބިދޭސީންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުނޅަދުފަހަރު ދުއްވުމުގެ ލައިސަންސަށް ހުށަހެޅޭނީ ރާއްޖޭގައި ވޯޓާ ސްޕޯޓްސް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ވޯކަ ޕާމިޓް ނުވަތަ ވޯކް ވިސާ ނުވަތަ ރެސިޑެންސް ކޮޕީ ހުށަހެޅުމުން ކަމަށެވެ.
އާ ގަވައިދުގެ ދަށުން ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުގެ ދަފުތަރެއް ވެސް މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް