ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖޭން މަސައްކަތް ކުރަމުންދާ ކަން ރައީސް އިބްރާހިމް ސޯލިހު އިއުލާނު ކުރައްވައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތިނަދޫ ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ސިޓީއެއްގެ ދަރަޖަ ދިނުމަށް ވިސްނައިގެން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދުއަކީ މުހިންމު ރަށެއް ކަމަށާއި ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ރަށުގައި ގާއިމު ކުރައްވާނެ ކަމަށެވެ.
އޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީއަށް ފަހު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ ދަރަޖަ ދޭ ރަސްމިއްޔާތަށް ކަމަށެވެ.
ތިނަދޫގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ރަށަށް ފުރަތަމަ ކަނޑައެޅީ 100 ހައުސިން ޔުނިޓް ނަމަވެސް 200 ޔުނިޓަށް ބަދަލުކޮށް، ހިއްކި ބިމުން ގޯތި ދޭން ލަސްތަކެއް ނުވެ ކައުންސިލުން އިއުލާން ކުރާނެ ކަމަށެވެ. އަދި މަގު ހެދުން، ފެން ހިންދާ ނިޒާމު އަދި އިންޖީނުގެ އެޅުން ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް