ގއ. ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އަދި 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 78.37 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް