ސްވިޑަންގައި ސިޔާސީ އިސް މީހަކު އެ ގައުމުގެ ސަރުކާރާއި ފުލުހުންގެ ހިމާޔަތާއެކު ކީރިތި ޤުރުއާން ފޮތެއް އަންދާލައިފިއެވެ.
ސިޔާސީ ރޭސިސްޓް ލީޑަރެއްކަމުގައިވާ ރަސްމުސް ޕަލޫދަން ޤުރްއާން އިއްޔެ އަންދާލާފައިވަނީ އެ ގައުމުގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައެވެ. އޭނާ މިކަން ކުރީ އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ދުރާލާ ހޯދައި ފުލުހުންގެ ހިމާޔަތުގައެވެ.
މުސްލިމް ބޮޑެތި ގައުމުތަކުން މިކަން މިހާރު ވަނީ ކުށްވެރިކޮށްފައެވެ. މިހާތަނަށް މިކަން ކުށްވެރި ކުރި ގައުމުތަކުގެ ތެރޭގައި ތުރުކީ، ޕާކިސްތާން، ކުވޭތު، ސައޫދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ޤަތަރު، އީރާން، އުރުދުން އަދި މިސްރު ހިމެނެއެވެ.
ޕަލޫދަންގެ މި އަމަލާއެކު މުސްލިމް ދުނިޔެ އިންތިހާއަށް ރުޅި ގަދަވެފައިވާއިރު ސްވިޑަން އިން ބުނަނީ ޕަލޫދަން އަށްވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.
މިއީ ޕަލޫދަން ކީރިތި ޤުރްއާން އަންދާލި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2020 ވަނަ އަހަރު ޕަލޫދަން ޤުރްއާނުގެ ކޮޕީއެއް އޫރުމަސް އޮޅާފައި އަންދާލިއެވެ. އަދި މިދިޔަ 2022 ވަނަ އަހަރުގެ އޭޕްރީލްގައި ސްވިޑަންގައި ފުލުހުންގެ ހިމާޔަތާއެކު ކީރިތި ޤުރްއާނުގެ ކޮޕީއެއް އަންދާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް