ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އިރާގުގެ ވެރިރަށް ބަޣުދާދު ގުޑުވާލި ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ޒިންމާ ހައްދު ފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން އުފުލައިފި އެވެ.
ބާޒާރުމަތީ ސަރަހައްދެއްގައި ބުރާސްފަތި ދުވަހު ވިދިވިދިގެން ދިން ބޮމުގެ 2 ހަމަލާގައި 32 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ބޮމުގެ ފުރަތަމަ ހަމަލާ ދިނީ ބާޒާރުމަތީ ސަރަހައްދެއްގަ އެވެ. މި ސަރަހައްދުގައި ބަލި މީހެއް ކަމަށް ހެދިގެން އުޅުނު މީހަކު އެ ޙަމަލާ ދިން އިރު، ދެވަނަ ބޮން ގޮއްވާލީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ސައިކަލެއްގައި ވަތް މީހެކެވެ.
އިރާގުގެ ރައީސް ބަރްހަމް ސޯލިހު ވަނީ، ގައުމުގެ ހަމަޖެހުން ނަގާލުމަށް ހިންގާ މިފަދަ ހުރިހާ ކަމަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ އިތުރުން އދ އިން ވެސް ވަނީ މި ހަމަލާތައް ކުއްވެރި ކޮށްފަ އެވެ.
ވިދިވިދިގެން ދިން ބޮމުގެ ހަމަލާތައް ބަޣުދާދަށް އަމާޒުކޮށްފައި މިވަނީ، އިންތިޚާބަކަށް ތައްޔާރު ވަމުން ދާ ދަނޑިވަޅެއްގަ އެވެ.
ހަމަލާގެ ޒިންމާ އުފުލި އައިސިސް އިން 2014 ވަނަ އަހަރު ވަނީ އިރާގުގެ 4 ބައިކުޅަ 3 ބައިގެ ކޮންޓްރޯލް ނަގާފަ އެވެ. ނަމަވެސް ދިގުދެމިގެންދިޔަ ކުރިމަތިލުންތަކާއެކު، އައިސިސް ޖަމާއަތް އޮތީ ފަހަތަށް ޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް