ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ނިންމީ އެއްވެސް ވަރަކަށް އަސްލަށް ބެލުމެއް ނެތި: އަދުރޭ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލައިގެ އަސްލަށް އެއްވެސްވަރަކަށް ބެލުމެއް ނެތި ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފި އެ...

22 Jan 2021 | 11:10

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލައިގެ އަސްލަށް އެއްވެސްވަރަކަށް ބެލުމެއް ނެތި ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ނިމިގެން ދިޔައީ އެ މައްސަލަ ހައިކޯޓުގައި ހިނގަމުންދާތާ އަހަރަކަށް ވުރެ، ގިނަދުވަސްވުމަށް ފަހުކަމަށެވެ.އަދި ޝަރީޢަތް ހިނގާދިޔަ ގޮތާއި، ހެކިންގެ ހެކިބަސް ނެގިފައިވާ ގޮތަށް ބަލާ އިރު، އެއީ އެއްވެސް އަސްލެއް އޮތް ޝަރީޢަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ސިޔާސީގޮތުން ރައީސް ޔާމީނަށް އަނިޔާކުރުމުގެ ގޮތުން ސަރުކާރުގެ ނުފޫޒު ޝަރީޢަތުގެ ތެރެއަށް ފޯރުވައިގެން އިއްވާފައިވާ ހުކުމެއް. އަދީބަކީ އެމްއެމްޕީއާރްސީ މައްސަލައިގާ އަމިއްލަ އިޢުތިރާފުގެ މައްޗަށް ސާބިތުވެގެން ހުކުމްކޮށްފައިވާ ކުށްވެރިއެއް. ހަމައެގޮތަށް ޒިޔަތާއި މުއައްވިޒު ރަޝީދަކީވެސް އެ މައްސަލައިގާ މިހާރުވެސް ތަހުގީގު ކުރަމުންދާ ފަރާތްތައް." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލަހެއް ނުވެ، މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށާއި ޝަރުޢީ މަރުހަލާގެ ތެރެއިން އިންސާފު ލިބޭނެކަމަށް އަދިވެސް ގަބޫލުކުރާ ކަމަށެވެ.

"އެގޮތަށް ގަބޫލުކުރިޔަސް ސަރުކާރުގެ ކަންކަންދާގޮތުން އިންސާފު ލިބުމުގައި ދަތިތަކެއް އެބަހުރި. ރާއްޖޭގައި މިހާރު ހިނގަމުން ދަނީ ތިންބާރު ވަކިވެފައިވާ ވެރިކަމެއް ނޫން." އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައީސް ޔާމީންގެ ލަފައާއި މަޝްވަރާ ހޯދައިގެން ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް