ގަބޫލުކުރަން ޖެހޭ އެންމެ ބޮޑު އެއް ހަގީގަތަކީ ދަރިން ތަރުބިއްޔަތުކޮށް އިސްލާހުކުރަން ޖެހޭ ގޮތުގެ ބަހުސަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ނިކަން އަޑުގަދަވެ ހޫނުވެފައި އޮންނަ ބަހުސެކެވެ. ދޮށީ އުމުރުގެ ބައެއް މީހުންގެ ހިޔާލުގައި "އެމީހުން އަހުލާގު ރަނގަޅު ބަޔަކަށް" ބަދަލުވުމުގެ ސިއްރަކީ ކުޑައިރު މަންމަ ނުވަތަ ބައްޕަގެ ފަރާތުން ލިބުނު އަދަބެވެ.
އެހެން ނަމަވެސް ބައެއް ބެލެނިވެރިންގެ ހިޔާލުގައި އެފަދަ އަނިޔާތަކެއް ދީގެން ދަރިން އިސްލާހުކުރަން މަސައްކަތް ކުރުމަކީ އެއީ އިންސާނިޔަތުކަމެއް ނެތް ރަހުމު ކުޑަ ބެލެނިވެރިންގެ ސިފައެކެވެ.
އެހެން ކަމުން އަދަބު ދީގެން ދަރިއަކު ކިޔަމަންތެރިކޮށް ބަސްއަހައި އެހެން މީހުންނަށް އިހްތިރާމްކުރާ ކުއްޖަކަށް އެ ކުއްޖަކު ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރާ ފިކުރެއް އުފެދުމުގެ ފުރުސަތު ބައެއްގެ މެދުގައި އުފެދިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެން ނަމަވެސް ކުރީގެ ބޯދާ ވިސްނުމަށް ބަލާއިރު، މިއީ އެންމެ ރަނގަޅު ގޮތަކަށް ވެދާނެއެވެ. ނުވަތަ ޚިޔާލަކަށް ވެދާނެއެވެ. އެކަން ގަބޫލުކުރާ ބަޔަކުވެސް ތިބެދާނެއެވެ.
މިހާރު ވެސް ދޮށީ އުމުރުމުގެ މީހެއްގެ ގާތުގައި ދަރިން ތަރުބިއްޔަތުކުރަން އެންމެ ރަނގަޅު ގޮތަކީ އަދި ބަސް ނާހައި އުޅޭ ކުއްޖާ މައިތިރިކުރަން އޮތް އެންމެ މޮޅު ގޮތަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ އެންމެ ފަސޭހަ ޖަވާބަކަށް ދޭނީ އަދަބު ދިނުމެވެ.
އެކަމަކު ހަގީގަތަކީ އަހުލާގު އޮތަސް އަދަބު ދީގެން އަހުލާގެއް ނުކުރެވޭނެ ކަމެވެ. މިއީ ސައިންސާއި މިއަދުގެ ޒަމާނީ ހޯދުންތަކުން ތަޖުރިބާކާރު އިލްމުވެރިން ސާބިތުކޮށްދީފައިވާ ކަމެކެވެ.
ކުޑަކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުން ދަސްކުރާ ކުދިންނެވެ. މިއީ ވަރަށް ބޮޑު ހަގީގަތެއްކަން ކޮންމެ މަންމައަކު އަދި ބައްޕައަކު ވެސް ގަބޫލުކުރާނެ އެވެ. އަދި އިވޭ އަޑުތަކަށް ވެސް ދަރިފުޅުގެ ސިކުނޑި ފަސޭހައިން ހުޅުވޭކަން މައިންބަފައިންނަށް އެނގޭނެ އެވެ.
ފާހަގަކޮށްލަން ޖެހެނީ ދަސްކުރުމުގެ މި މަރުހަލާގައި ކުދިން އެންމެ ބޮޑު ނަމޫނާއަކަށް ނުވަތަ އެ ކުދިންގެ އެންމެ ބޮޑު ޓީޗަރަކަށް ބަދަލުވެގެން ދަނީ އެންމެ ގާތުން ފެންނަން ހުންނަ މަންމަ އާއި ބައްޕަ ކަމެވެ. އެހެންވީމަ އެ މަންމަ އާއި ބައްޕަގެ އަމަލުތަކުގެ އަސަރު ދަރިފުޅަށް ކުރާ މިންވަރު ހަގީގަތުގައި ވަރަށް ވެސް ބޮޑެވެ. ކަންމިހެން އޮތްވައި ދަރިފުޅަށް އަދަބު ދިނީމަ ދަރިފުޅަށް ވެސް ދަސްވާނީ އެ އަހުލާގެވެ.
ބައެއް ދޮށީ އުމުރުގެ މައިންނާއި ބަފައިންނަކީ އެމީހުންގެ ކުޑައިރު އެމީހުންގެ މައިންބަފައިންގެ ފަރާތުން އެކި ފެންވަރުގައި އަދަބު ލިބިފައިވާ މީހުންނެވެ. ބަސް ނާހައިގެން އިސްލާހުކުރަން އަދަބު ދީ އަނދަގޮނޑި ވެސް ޖަހައިފައި ތިބޭ މީހުންނެވެ. ނިކަން ވިސްނާބައްލަވާށެވެ. އޭރުގެ ދިވެހިންނަކީ ބަސް ނާހައި، އެކުވެރި އެހެން ކުދިންނާ އެކު ބޭރަށް ހިތްހަމަޖައްސާލަން ދާ ކުއްޖާގެ ކަންފަތުގެ ފޫޅުގައި ހިފައި ދަމައި ގެއަށް ގެނެސް ރުއްގަނޑެއްގައި އަނދަގޮނޑި ޖަހައި އަތްވަށް ނެރެފައިވާ ބާއްވާ ބެލެނިވެރިންނެވެ.
ވިސްނާލަން ޖެހޭ ކަމަކީ މަންމަ އަށް އަދި ބައްޕަ އަށް ކުޑައިރު އަނިޔާ ނުވަތަ އަދަބު ލިބިފައި ހުއްޓަސް އެއީ އެމީހުންގެ ކުދިންނަށް އަދަބު ލިބެން ޖެހޭ ސަބަބެއް ނޫން ކަމެވެ. އަދި މަންމަ އަށް ނުވަތަ ބައްޕަ އަށް އަދަބު ލިބުނޭ ކިޔާފައި ދަރިންގެ ގައިގައި ތަޅައި ދަންމަވާލުން ރަނގަޅު ބެލެނިވެރިކަމަކަށް ވެސް ނުވާނެ ކަމެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިފަދަ އަހުލާގެއް ދަރިފުޅަށް ދެއްކުމުގެ ސަބަބުން ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދު އޮންނަ ގާތް ގުޅުން ވެސް ހީނަރުވެގެން ހިނގައިދާނެ އެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން އަދަބު ލިބޭ ކުދިންނަކީ އެމީހުންނަށް އަދަބު ލިބޭ އަމަލު ދޫކޮށްލުމަށް ވުރެ ބޮޑަށް އަދަބަށް ފިލަން މަސައްކަތްކުރާ ކުދިންނެވެ. އެހެންވީމަ އެންމެފަހުން އެ ދަރިފުޅު، އޭނާ އަށް އަދަބު ދޭ މަންމަ ނުވަތަ ބައްޕަ އަށް ފިލަން މަސައްކަތްކުރާ ހިސާބަކަށް މި މައްސަލައެއް ގޮސްފި ނަމަ އެކަން އެހިސާބުން ގޯސްވީއެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް