މެހި ޖައްސާ ކޮންމެ ކާބޯ އެއްޗެއްގެ ތެރެއަށް މެހި ގަންބައިލައިގެން ނޫނީ އެ ތަކެތި ކައިބޮއި ހަދައިގެން ނުވާނެ

މެއްސަކީ އަޅުގަނޑުމްނެގެ ތެރޭގައި ވަރަށް ގިނައިން އުޅޭ އަދި އެހާމެ ގިނަ ނުރައްކާތެރި ބަލިފަތުރާ ސޫތްޕެއް ކަމާއި މެދުކު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. ނަޖިސްތަންތަނުގައި މެހި އުޅޭ މަންޒަރާ، ނަޖިސ...

22 Jan 2021 | 08:47

މެއްސަކީ އަޅުގަނޑުމްނެގެ ތެރޭގައި ވަރަށް ގިނައިން އުޅޭ އަދި އެހާމެ ގިނަ ނުރައްކާތެރި ބަލިފަތުރާ ސޫތްޕެއް ކަމާއި މެދުކު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. ނަޖިސްތަންތަނުގައި މެހި އުޅޭ މަންޒަރާ، ނަޖިސްތަންތާ އިށީނދެ ހެދުމަށްފަހު ކާބޯތަކެތީގެ ސުފުރާތަކުގައި އަދި ގޭތެރެއާ މީހުން އެއްވެއުޅޭ ތަންތަނުގައި މެހި އިށީނދެ ހަދަނީ މަދެއް ކޮށެއް ނޫނެވެ. އެހެން ކަމުން މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.

ކާބޯތަކެތި އަޅާފައި ހުންނަ ތަކެތީގައި މެހި ޖައްސައިފިނަމަ، ކަން ކުރަންވީގޮތުގެ އިރުޝާދެއް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި ވާރިދުވެފައިވެއެވެ. ކީރިތިރަސޫލާގެ އަރިއަހުން ޙަދީޘް ރިވާކުރެއްވުމުގައި އިތުބާރުހުރި ދެ ޞަޙާބީންކަމުގައިވާ އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އާއި އަބީ ސަޢީދުލް ޚުޛްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ މި ޙަދީޘްފުޅު، ޢިބާރާތްތަކުގެ ކުދި ތަފާތުތަކާއެކު، ޞަޙީޙުލް ބުޚާރީ، ސުނަނުއްނަސާއީ، ސުނަނު އިބްނު މާޖާ ފަދަ މަޝްހޫރު ޙަދީޘް ފޮތްތަކުގައި ވާއިރު، މި ޙަދީޘްފުޅުން ދޭހަވާ މައިގަނޑު މާނައަކީ، މެހީގެ ދެ ފިޔައިގެ ތެރެއިން އެއް ފިޔައިގާ ބަލި، އަދި އަނެއް ފިޔައިގާ އެ ބަލީގެ ފަރުވާ އެ ސޮރު އުފުލާކަމެވެ. އަޅުގަނޑުމެން ގެންގުޅޭ ކާބޯތަކެތީގައި މެހި ޖައްސައިފިނަމަ، ވީ އެންމެ އަވަހަކަށް އެސޮރު ކާބޯތަކެތީގެ އެ ކަންވާރުގެ ތެރެއަށް ގަންބައިލުމަށްފަހު ނަގައި އެއްލައިލުމަށް، މި ހަދީޘްފުޅުގައި ކީރިތި ރަސޫލާވަނީ އިރުޝާދުދެއްވައިފައެވެ. މިކަމުގެ ސަބަބުކަމަށް ޙަދީޘްފުޅުގައިވަނީ، ކާބޯތަކެތީގެ ކަންވާރުގައި މެހި އަބަދުވެސް ޖައްސާނީ ބަލީގެ ޖަރާސީމު އުފުލާ ފިޔަގަނޑު ކަމަށްވާތީއެވެ. އަނެއް ފިޔަގަނޑާއެކު ވަގުތުން މެހި ގަންބައިލުމުން، ޖަރާސީމުތައް ނައްތާލާނެ " ފަރުވާ " އަނެއް ފިޔަގަނޑުން ކާބޯތަކެއްޗަށް ނަޤުލުކުރެވޭނެއެވެ.

ޢިލްމުވެރީން ވިދާޅުވާގޮތުގައި މެހި ޖައްސާ ކޮންމެ ކާބޯ އެއްޗެއްގެ ތެރެއަށް މެހި ގަންބައިލައިގެން ނޫނީ އެ ތަކެތި ކައިބޮއި ހަދައިގެން ނުވާނެކަމަކަށް މި ޙަދީޘްފުޅަކުން ކީރިތި ރަސޫލާ ލާޒިމުކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މިއީ އެފަދަ ޙާލަތެއްގައި ޢަމަލުކުރަން މަންފާހުރި ގޮތެއް ބަޔާންކޮށްދެއްވައި އިތުރު އެކަލޭގެފާނު ދެއްވާފައިވާ އިރުޝާދެކެވެ.

މިއަދާ ހަމަޔަށް ކުރެވިފައިވާ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ދުނިޔޭގެ އެތަންމިތަނުގައި ދިރިއުޅޭކަމަށް ފާހަގަކުރެވިފައިވާ ގޮތުގައި މެހީގެ ކަނާތު ފިޔަފަތްގަނޑުގައި ގިނަ ޢަދަދެއްގެ ބަލިފަތުރާ ޖަރާސީމު އެސޮރު އުފުލައެވެ. ވާތު ފިޔަފަތްގަނޑުގައިވެސް އެކި ބާވަތުގެ ޖަރާސީމު އުފުލައެވެ. ނަމަވެސް ޠަބީޢީ ހަމަތަކުން މި ދެ ފިޔަފަތްގަނޑުގެ ޖަރާސީމު އެކައްޗެއްގެ ތެރޭ އެއްތަންވެއްޖެނަމަ، މި ޖަރާސީމުތަކުގައި ހުންނަ ނުގުޅޭ އަސަރުތަކެއްގެ ސަބަބުން، ބަލިފެތުރުމުގެ ބާރުކެނޑި، ޖަރާސީމުތަކުގެ ދިރުން ނެތިވެދެއެވެ. ސައިންސްގެ ބައެއް ހޯދުންތައް ބުނާގޮތުގައި މެހީގެ ކަނާތު ފިޔަގަނޑުގައި ހުންނަ ޖަރާސީމުތަކުގެ އެންޓި ބަޔޮޓިކެއްގެ ގޮތުގައި ވާތު ފިޔައިގާ ހުންނަ ޖަރާސީމުތައްވެ، ބަލި ފެތުރުމުގެ ބާރު މުޅީން ނެތިދެއެވެ.

މެހީގެ އެއް ފިޔަގަނޑުގައި ހުންނަ ޖަރާސީމުގެ ބާރު ކަނޑުވައިލުމަށް އަނެއްފިޔަގަނޑުގައި ހުންނަ ޖަރާސީމު މަސައްކަތްކުރާގޮތާމެދު ކަށަވަރުކުރެވިފައިވާ މި ހޯދުންތަކުގެ އަލީގައި، އެތައް ބައްޔަކަށް އައު ފަރުވާތަކެއް ހޯދުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ. ކީރިތި ރަސޫލާގެ މި މަތިވެރި އިރުޝާދުގެ ޢިލްމީ ހަޤީޤަތް ހާމަވެ، މި ހަޤީޤަތުގެ ސަބަބުން ބޭސް ފަރުވާ އީޖާދުކުރުމުގެ އައު ދޮރުތަކަކާ ވިސްނުންތަކަކަށް މިވަނީ މަގުފަހިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް