މާބަނޑު ދުވަސްވަރު ކެއުމުގައި ހުރިހާ ވިޓަމިންސްއާއި މިނަރަލްސްގެ އިތުރުން ތަފާތު ވައްތަރުގެ ފައިދާހުރި ކާނާ ކެއުމަކީ މައިމީހާއާއި ބަނޑުގައިވާ ދަރިފުޅުގެ ޞިއްޙަތައް ވަރަށް ފައިދާ ކުރާ ކަމެކެވެ. އެގޮތުން މާބަނޑު ދުވަސްވަރުގައި ކޮންމެހެންވެސް ކެއުމުގައި ހިމަނަންޖެހޭ ކާނާތަކަށް ބަލައިލާނަމެވެ.
ފެން
ފެނަކީ ކާ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ފެނަކީ އަބަދުވެސް އިންސާނާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި އެކަށްޗެވެ. އެހެންކަމުން މާބަނޑު ދުވަސްވަރުގައި ޚާއްޞަކޮށް ފެން ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހެއެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭނަމަ ހަށިގަނޑުގެ ލޭ ދައުރުކުރާ މިންވަރަށް ބަދަލުތަކެއް އާދެއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް ހެލިފެލިވެ އުޅުމަށްވެސް ބޮޑު އަސަރެއްކުރެއެވެ. މާބަނޑުއިރު ދިމާވާ ކޮންސްޓިޕޭޝަން ފަދަ މައްސަލަތައްވެސް ފެން ބުއިމުގެ ސަބަބުން މަދުވެއެވެ. އަދި ހެނދުނަށް ބޮލުގައި ރިއްސުމާއި އަދި ހޮޑުލެވުމަށްވެސް ފެން ބޭނުންކުރާ މިންވަރު އިތުރުކުރުމުން ހައްލު ލިބެއެވެ.
އިނގުރު
އިނގުރަކީ އޭގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ކާތަކެތި ހަޖަމުވުމަށް ވަރަށް ބޮޑަށް ފަސޭހަކޮށްދޭ އެއްޗެކެވެ. ޚާއްޞަކޮށް މާބަނޑުދުވަސްވަރުގެ ކުރީކޮޅުގައި އިނގުރު ބޭނުންކުރާނަމަ "މޯނިންގް ސިކްނަސް" އަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާ ކަމެއް ކަމުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެގޮތުން ހެނދުނުގެ ވަގުތުގައި ސައިތައްތަކަށް އިނގުރި ޗިސްކޮށްފައި އެއަށް އަޅައިގެން ބޮވިދާނެއެވެ. ނުވަތަ ހަފައިގެންވެސް ކެވިދާނެއެވެ. އިނގުރަކީ ރަހަ ގަދަ އެއްޗެއްކަމުގައިވުމުން ކުދިކޮށް ކޮށާއލައިގެން ސައިތައްޓަށް އަޅައިގެންވެސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން އިނގުރާއި ލިނބޯ އަދި މާމުއި އަޅައިގެން އިނގުރު ސައިތައްޓެއްވެސް ތައްޔާރުކޮށް އެ ބޭނުންކުރެވިދާނެއެވެ.
ކައްޓަލަ
ކައްޓަލައަކީ އޭގައި ވިޓަމިން އޭ މަތީ އަދަދަކަށް ހިމެނޭ އެއްޗެކެވެ. މިއީ މާބަނޑު ދުވަސްވަރުގައި ހަށިގަނޑުގެ ސެލްތަކަށާއި އަދި ޓިޝޫތަކަށް ވަރަށް ފައިދާހުރި ބާވަތެކެވެ. މާބަނޑު ދުވަސްވަރަކީ މައިމީހާއަށާއި އަދި ދަރިފުޅުގެ ހެދި ބޮޑުވުމަށްޓަކައި ގިނަ އަދަދެއްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވާ ދުވަސްވަރެކެވެ. މީގެ އިތުރުން ކައްޓަލައަކީ އޭގައި ފައިބަރ ގިނަ އަދަދަކަށް ހިމެނޭ ކާނާއަކަށް ވުމުން ބްލަޑް ޝުގަރ ލެވެލް ދަށްކޮށްދިނުމުގެ އިތުރުން ހަޖަމުކުރުމަށްވެސް ފަސޭހަވެގެންދާ ކާނާއެކެވެ. އެގޮތުން ކައްޓަލަ ފެނުކެއްކުމަށްފަހު ވެސް ބޭނުންކުރެވިދާނެއެވެ. ނުވަތަ ސްނެކް އެއްގެ ގޮތަށް އޮލިވް އޮއިލްކޮޅެއް ނުވަތަ ކުޑަ ލޮނު ކޮޅެއް ބުރުވާލުމަށްފަހު ފިހެލައިގެންވެސް ބޭނުންކުރެވިދާނެއެވެ.
ފްރުޓް ސްމޫތީ
މާބަނޑު ދުވަސްވަރުގައި ގިނަ އަދަދެއްގެ މޭވާ ބޭނުންކުރުން ވަރަށް މުހިންމެވެ. އެއީ އޭގައި ހިމެނޭ ގިނަ އަދަދެއްގެ ވިޓަމިން ސީ އަދި ފައިބަރ އަކީ މައިމީހާއަށާއި އަދި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށްވެސް ނުހަނު ބޭނުންތެރި މާއްދާއެކެވެ. އެހެންކަމުން ފޮލިކް އެސިޑް ފަދަ މުހިންމު ބައިތަށް ހިމެނޭ މޭވާ ވަކި ވަކިން ކެއުމުގައި ބޭނުންކުރުމަކީ ދަތި ކަމަކަށް ވާނެއެވެ. އެހެންކަމުން ތަފާތު ވައްތަރުގެ މޭވާއާއެކު އެއަށް ސްޕިނެޗް ނުވަތަ މުރަނގަފަތްކޮޅެއް ލުމަށްފަހު މީރު ސްމޫތީއެއްވެސް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެއެވެ.
ހޯލް ގްރެއިން
ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާއަކީވެސް މާބަނޑުއިރު ހަށިގަނޑަށް ނުހަނު ބޭނުންތެރި ކާނާއެކެވެ. އެގޮތުން ޕާނާއި, ބާރލީ, ބްރައުން ރައިސް އާއި އަދި އޯޓްސްވެސް ބޭނުންކުރެވިދާނެއެވެ. މީގެ ތެރެއިން ޕާނާއި އޯޓްސް އަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ދެ ބާވަތެވެ. އޯޓްސްއަކީ ކުޅިކޮށްވެސް އަދި ފޮނިކޮށް ކޮންމެވެސް މޭވާއެއް ނުވަތަ ތަރުކާރީއަކާ އެއްކޮށްގެންވެސް ތައްޔާރުކުރެވިދާނެ ކާނާއެކެވެ. މި ތަކެއްޗަކީ އޭގެން ގިނަ އަދަދެއްގެ ފައިބަރ އާއި ވިޓަމިން ބީ އަދި މިނަރަލްސް ލިބޭ ބާވަތްތަކަށް ވުމުން "މޯނިންގް ސިކްނަސް" އަށްވެސް ހައްލު ލިބޭ ކާނާއެކެވެ.
މަސް
މަހަކީ އޭގައި ޕްރޮޓީން ގިނަ އަދަދަކަށް ހުންނަ އެއްޗެކެވެ. އަދި ވިޓަމިން ބީ އާއި ދަނގަޑުގެބައިވެސް އެހާމެ ގިނައިން ލިބޭ ބާވަތެކެވެ. ދަރިފުޅުގެ ހެދިބޮޑުވުމުގައި ޕްރޮޓީން ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ކެއުމުގައި މަސް ހިމަނާނަމަ ބަނޑުގައިވާ ދަރިފުޅަށް އޮކްސިޖަން ލިބުމަށް ފަސޭހަވެގެން ދިޔުމުގެ އިތުރުން މާބަނޑުއިރު ދުޅަވާ ދުޅަވުންވެސް ކުޑަވެގެންދެއެވެ.
ފެހިފަތް
މާބަނޑު ދުވަސްވަރުގައި ހަށިގަނޑަށް އެންމެ މަދުވެގެންވެސް 400 އާއި 1000 އާ ދެމެދުގެ މައިކްރޮގަރާމްސް ފޮލިކް އެސިޑް ބޭނުންވެއެވެ. ސްޕިނާޗް ފަދަ ފެހިކުލަ ގަދަ ފަތާއި އަދި ތަރުކާރީ ކެއުމުގައި ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފޮލިކް އެސިޑް ލިއްބައިދެއެވެ.
ކިރު
ކިރު އެކުލެވޭ ތަފާތު ބާވަތްތައް ކެއުމުގައި ހިމެނުމުން ދަރިފުޅުގެ ކަށިތަކާއި ދަތްތައް ހެދިބޮޑުވުމުގައި އެހީތެރިވެދެއެވެ. އެގޮތުން ނޮންފެޓް ޔޯގަޓްއާއި ޗީޒްވެސް ބޭނުންކުރެވިދާނެއެވެ. ކިރުގެ ތަފާތު ބައިވަތްތަކުން ލިއްބައިދޭ ކެލްސިއަމްގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށާއި އަދި ނާރުތަކަށް އެހީތެރިވެދެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކިރުގެ ކޮންމެވެސް ބާވަތެއް ހިމެނުން ވަރަށް މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް