މާތް الله އީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަން ކޮންމެ މުސްލިމަކުވެސް މިއީ ޤަބޫލުކުރާނެ ކަމެކެވެ. އެކަލާނގެ ދެއްވާ ނިޢުމަތްތަކާއި ރަޙުމަތްތަކާމެދު ވިސްނާ ފިކުރުކުރާ ހަމަ ކޮންމެ މީހަކަށްވެސް އެކަންކަމަކީ އިޙުޞާސްވާނެ ކަންތައްތައް ކަށަވަރެވެ. އެހެންނަމަވެސް އެ ކަލާނގެ ދެއްވާ ނިޢުމަތްތަކަށް ޝުކުރުކުރަނީ އަހަރެމެންގެ ތެރެއިން ކިތަށް އަޅުންތޯއެވެ؟
الله ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތަކަކީ ގުނާ އަދަދު ނުކުރެވޭނެ ފަދަ ނިޢުމަތްތަކެކެވެ. މި ހުރިހާ ނިޢުމަތްތަކަކަށް ޝުކުރުވެރި ވާނީ ކިހިނެއްތޯއެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމަށްތަކައި އަހަރެމެންގެ ހިތާ ނަފުސުން މާތް الله ދެއްވާފައިވާ ނިޢުމަތްތަކާމެދު އުފާކުރަން ޖެހެއެވެ. އެކަލާނގެ ނަހީ ކުރައްވާފައިވާ އެންމެހާ ކަންތައްތަކުން ދުރުހެލިވާންޖެހެއެވެ. އަދި އެކަލާނގެއަށް ބިރުވެތިވެ އެކަލާނގެ ކުރަން އަންގަވާފައިވާ އެންމެހާ ކަންތައްތައް ކޮންމެ ހާލެއްގައިވެސް ކުރުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ.
ކީރިތި ޤުރުޢާނުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ.
﴿أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِي مِن تَحْتِهَا الْأَنْهَارُ لَهُ فِيهَا مِن كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ ۗكَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ ﴾ ( البقرة 266 )
މާނައީ: " ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ حال ގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެ ހެއްޔެވެ؟ އެފަދައިން، ތިޔަބައިމީހުންނަށް، اللَّه، آية ތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ."
އާޔަތުގެ ފުރަތަމަ ބައިގައި ވަނީ ނިޢުމަތްތަކެއްގެ ވާހަކައެވެ. އަދި ފަހު ބައިގައި އެ ނިޢުމަތްތައް ނެތި ދިޔުމުން ވާނެ ގޮތް އަންގަވާފައިވެއެވެ. އިންސާނާ ހެޔޮ ޢަމަލުތައްކޮށް އުޅޭނަމަ އޭނާ ހިތް ފުރެންދެން ނިޢުމަތްތައް ދެއްވާކަން މި އާޔަތުން އެބަ ހާމަވެއެވެ. އަދި ދެއްވާ ނިޢުމަތްތަކުގެ މަތިން ހަނދާންނެތި ޝުކުރު ނުކުރާނަމަ އެ ނިޢުމަތްތައް އަނބުރާ ގެންދަވަން އެކަލާނގެ ކުޅަދުންވަންތަކަންވެސް ހާމަވެގެންދެއެވެ.
މިއީ އިންސާނާ ހެޔޮޢަމަލުތައްކޮށް ފަހުން ނުބައިކަމަށް ރުޖޫޢަވެ އޭނަގެ ހެޔޮކަންތައް ނުބައިކަންތަކަށް ބަދަލު ކުރާ މީހުންނަށް އެކަމުގެ ނުރައްކާތެރިކަން އަންގަވާ މާތް الله ޖެއްސެވި މިޘާލެކެވެ.
މި އާޔަތުގެ ތަފްޞީރުގައި މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވެފައިވެއެވެ.
"ضُربت لرجل غني يعمل بطاعة الله ، ثم بعث الله له الشيطان، فعمل بالمعاصي حتى أغرق أعماله "
رواه البخاري
"މާތް ﷲ ރުއްސަވާ ޢަމަލުތައްކޮށް އުޅުނު މުއްސަނދި މީހެއްގެ މިސާލު ޖެހުނެވެ. އެމީހާގެ ގާތަށް ޝައިޠާނާ ފޮނުވުނެވެ. އަދި އޭނާގެ ޢަމަލުތައް ޣަރަޤްވެގެން ދާންދެން އޭނާ ފާފަތައް ކުރުމުގައި ވިއެވެ."
ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ބީވެ ދިޔުމުގެ ކުރިން އެ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަކުކަމުގައި އަހަރެމެން ވާންޖެހެއެވެ. އެގޮތުން އެކަލާނގެ އެންގެވި އެންމެހާ ހެޔޮ ޢަމަލުތައް ކުރުން މަތީގައި ދެމިތިބެން ޖެހެއެވެ. ނަމާދުކޮށް ރޭ އަޅުކަންތައް ކުރުމާއި ރިވެތި އަޚުލާޤުގެ މަތީގައެވެ. އަދި ނަހީ ކުރައްވާފައިވާ އެންމެހާ ނުބައިކަންތައްތަކުން ދުރުހެލިވެ ނަފުސުތައް ޠާޙިރު ކުރަންޖެހެއެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކުރައްވާނެކަމަށްވެސް އެކަލާނގެ ވަނީ އަންގަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް