"ގަންނަ މާޓް" ގެ ނަމުގައި އޭޑީކޭއިން މާލޭގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވާފައިވަނީ މާފަންނު އަލިވެލީގައެވެ.
ކޯރުކެނޑި މަގުގައި ހުންނަ މި ފިހާރަ ހުޅުވާފައިވަނީ އެކަމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފިހާރަ ހުޅުވައިދެއްވީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ނާޝީދު (އޭޑީކޭ ނާޝިދު) އެވެ. ބޮޑުބެރު ހަރަކާތާއެކު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ކުލަގަދަ ގޮތެއްގައެވެ.
ދެ ފްލޯ ހިމެނޭ މި ފިހާރައިގެ ގްރައުންޑް ފްލޯ ހާއްސަ ކޮށްފައިވަނީ ކައްކާ ކެއުމަށް ބޭނުންކުރާ ތަކެއްޗަށެވެ. އެގޮތުން ޖޫސް، މޭވާ، ތަރުކާރީ، ގަޑުކުރި މަސް އަދި ހަވާދުފަދަ، އާންމުކޮށް ބަދިއެއް ބޭނުންވާނޭ ތަކެތި ގްރައުންޑް ފްލޯއިން ލިބިލައްވާނެއެވެ.
ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ރީތިވުމަށް ބޭނުންވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ކުޑަކުދިންގެ ކުޅޭ ސާމާނުގެ އިތުރުން ޑިސްޕޮސިބަލްސް އެވެ.
ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 07:00 އިން ރޭގަނޑު 23:00 އަށް ގަންނަ މާޓު ހުޅުވާފައި ހުންނާނެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރު 02:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނާނެއެވެ.
ކައިރި ހިސާބުތަކަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ގަންނަ މާޓުން ވަނީ ދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް