ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ޖެހުނީމަ ވަނީ ކިހިނެތް!

ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކްރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެ ގައުމުން ނުވަ މީހަކު ވަނީ މަރުވެފައި އެވެ. އަދި އެ ގައުމުގެ 13 ޕްރޮވިންސެއްގައި 440 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފ...

22 Jan 2020 | 06:11

ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކްރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެ ގައުމުން ނުވަ މީހަކު ވަނީ މަރުވެފައި އެވެ. އަދި އެ ގައުމުގެ 13 ޕްރޮވިންސެއްގައި 440 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކުރެ އެވެ.

މިބަލި އެހެން ގައުމުތަކަށް ފެތުރުމުގެ ބިރުު ބޮޑުކަމަށް ބުނެފައިވަނިކޮށް ރޭ ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއިން ބަލީގެ ވައިރަސް ފެނުނު ކަން ހާމަކޮށްފައެވެ. އެހެންކަމުން މި ބަލި އެހެން ގައުމުތަކަށް ވަރަށް އަވަހަށް ފެތުރުމުގެ ބިރު ބޮޑެވެ.

ކޮރޯނާ ވައިރަސް އަކީ އާންމުކޮށް ޖަނަވާރުންގެ ގައިން ފެންނަ ވައިރަހެކެވެ. މި ބަލި ޖަނަވާރުންގެ ފުށުން އެރިޔަސް އާންމުކޮށް އިންސާނުންގެ ގައިން އެހެން އިންސާނުންގެ ގަޔަކަށް ނާރައެވެ. އެކަމަކު ޗައިނާގެ ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މިހާރު ފެތުރެމުންދާ ވައިރަސް އަކީ ގައިން ގަޔަށް އަރާ ވައިރަސް އެކެވެ.

މި ވައިރަސް ޖެހެނީ ނޭވާލާ ނިޒާމަށެވެ. އަދި ނިއުމޯނިއާއަށް ބަލި ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބަލީގެ ނިޝާންތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ނޭވާ ކުރުވުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް:

ދޫނި ސޫފާސޫފި އަދި ޖަނަވާރު ގެންގުޅުމާއި ވިއްކާ، ކަތިލާ ހަދާ ތަންތަނަށް ނުދިއުން

ބިސް އަދި އެއްގަމު މަސް ކެއުމުގައި ރަނގަޅަށް ކައްކައިގެން ކެއުން

ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން

ކެއްސާ ހިނބިހި އަޅާއިރު އަނގަމަތި ރަނގަޅަށް ނިވާކުރުން

ބަލި މީހުންނާއި ކައިރީގައި ނޫޅުން ހިމެނެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ޗައިނާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ދިވެހިންނަށް އިލްތިމާސް ކޮށްފައި އެވެ. އަދި މިބަލި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ.

އެއީ ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމުން ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

މިބަލި ފުރަތަމަ ޗައިނާއިން ފެނިފައިވަނީ މިދިޔަ މަހު އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ދަނީ މިއީ ނުރައްކާތެރި ބައްޔެއްތޯ ކަނޑައެޅުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރަމުންނެވެ.

ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި އަދި ހަލުވިކަމާއި އެކު މުޅި ދުނިޔެއަށް ފެތުރުނު ސާސް އަދި މާސް ވައިރަސް ފަދަ ބައްޔަކަށް ވުމުގެ ފުރުސަތު ބޮޑެވެ. 2000 ވަނަ އަހަރު އެ ބަލިތައްވެސް ފުރަތަމަ ފެނިފައިވަނީ ޗައިނާއިންނެވެ.

އެހެންކަމުން އާންމު ރައްޔިތުން މި ބައްޔަށް ދޭ ސަމާލުކަން މިހާރު އިތުރު ކުރަން ޖެހޭ ވަގުތު ޖެހިއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް