އެއާޕޯޓުތަކުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފަށަންވީ ވަގުތު ޖެހިއްޖެ: ޑރ. ނިޔާފް

ޗައިނާގެ އެކި ސިޓީތަކުގައި ހަލުވި ކަމައި އެކު ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެއާޕޯޓުތަކުގައި ސްކްރީން ކުރަން ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށް އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ...

22 Jan 2020 | 05:39

ޗައިނާގެ އެކި ސިޓީތަކުގައި ހަލުވި ކަމައި އެކު ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެއާޕޯޓުތަކުގައި ސްކްރީން ކުރަން ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށް އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

އެ ވައިރަސް ފެތުރެމުންދާ މިންވަރު ދައްކުވައިދޭ ޗާޓުތަކާއި އެކު އެޗްޕީއޭ ޓެކްކޮށް ޓުވިޓާގައި ޑރ. ނިޔާފް ވިދާޅުވީ ހަލުވިކަމާއި އެކު ފެތުރެމުންދާ އެ ބަލީގެ ވައިރަސް އެމެރިކާއަށް ފޯރާފައިވާ ކަމަށެވެ. އެހެންވެ ގިނަ ގައުމުތަކުން އެކަމަށް މިހާރުވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި ރާއްޖޭގައިވެސް ފިޔަވަޅު އަޅައި އެކަން އާންމުންނަށް އަންގަން ވެއްޖެ ކަމަށެވެ.

ޑރ ނިޔާފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެއަށް އެތެރެވާ މީހުންގެ ސިއްހީ ހާލަތު ނުވަތަ ހުން ދެނެގަންނަ ސިސްޓަމެއް އިންނަ ކަމަށެވެ. އޭނާ އުންމީދު ކުރައްވާގޮތުގައި އެ ސިސްޓަމްގެ ބޭނުން މިހާރު ކުރަންފަށާފާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރަހައްދުން މެލޭޝިއާ ފަގަ ގައުމުތަކުގެ އެއާޕޯޓުތައް ވަނީ އައި އެލާޓާސް ގެނެސް އެ ގައުމަށް އެތެރެވާ މީހުންގެ ސިއްހީ ހާލަތު ދެނެގަންނަން ފަށާފަ އެވެ.

ޗައިނާގެ ވުހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި ބަލީގައި މިހާތަނަށް ނުވަ މީހަކު، އެ ސިޓީން ވަނީ މަރުވެފަ އެވެ. އަަދި ޗައިނާގެ އެކި ސަރަހައްދުތަކުން އެ ވައިރަސްގެ ސަބަބުން ބަލިވާ މީހުން ފެންނަލެއް ދަނީ ގިނަވަމުންނެވެ.

ކޮރޯނާ ވައިރަސް އަކީ އާންމުކޮށް ޖަނަވާރުތަކުގައި އުޅޭ ވައިރެހެކެވެ. މި ބަލި އާންމުކޮށް ފެންނަނީ ޖަމަލާއި ވާލުން ނެވެ.

މި ވައިރަސް ޖަނަވާރުންގެ ފުށުން އިންސާނާގެ ގަޔަށް އަރައި، ބަލިވިޔަސް، އެކެއްގެ ފަރާތުން އަނެކަކަށް އާންމުކޮށް ނާރަ އެވެ. އެކަމަކު މިހާރު ފެތުރެމުންދާ ވައިރަަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް، އިއްޔެ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް