ހައްދުންމަތީގެ ހަ ސަރަހައްދެއް ހިމާޔަތް ކުރަން ސަރުކާރުން ނިންމައިފި

ހައްދުންމަތީގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ނިންމަވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އ...

21 Dec 2021 | 16:42

ހައްދުންމަތީގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ނިންމަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައާއެކު ހިމާޔަތްކުރައްވަން ރައީސް ނިންމެވީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.

އެގޮތުން، ލ. ގަމު ބޮޑަ ފެންގަނޑު ނުވަތަ ޕަރީ ފެންގަނޑު ސަރަހައްދާއި ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދާއި ލ. ބޮޑުފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދާއި ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދާއި ލ. ގާދޫ-ހިތަދޫ ކަނޑު ސަރަހައްދާއި ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ނިންމަވައިފި އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު ސިޓީގެ ސަރަހައްދަކާއި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް (ޖުމުލަ 14،423 ހެކްޓަރު) މިހާތަނަށް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.

ލ. އަތޮޅަކީ ޤުދުރަތީ ގޮތުން ވަސީލަތްތައް ފުރިހަމަ ރީތި އަތޮޅެކެވެ. އަދި މިއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި  ގްލޯބަލް ކޯލިޝަނައް ކަމުގައިވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް