ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ހަފްތާ ބަންދުގައި ވަޑައިގެންނަވާނީ ފ. އަތޮޅަށް ކަމަށް ޕިޕީއެމްއިން ބުނެފި އެވެ.
މި ދަތުރުފުޅަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މިދިޔަ ހަފްތާގައި މި ކެމްޕެއިންގައި އެމަނިކުފާނު ވަޑައިގެންނެވީ ކ. ގުރައިދޫ އާއި ތުލުސްދޫއަށެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބުރާސްފަތި ދުވަހު ފައްޓަވާ މި ދަތުރުފުޅުގައި ވަޑައިގެންނަވާނީ ފ. ނިލަންދޫއަށް ކަމަށެވެ. އެ އަތޮޅުގެ އިތުރު ރަށަކަށް ވަޑައިގެންނަވާ ކަމަކަށް ވިދާޅެއް ނުވެ އެވެ.
ހީނާ ވިދާޅުވީ ބުރާސްފަތި ދުވަހު ހަވީރު އެ ރަށުގައި އޮންނަ "އިންޑިއާ އައުޓް" ހަރަކާތްތަކުގައި ޔާމީން ބައިވެރިވެވަޑައިގެންނަވާނެ އެވެ. އަދި އެރޭ ނިލަންދޫގައި ބާއްވާ އިދިކޮޅު ޖަލްސާގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އެރަށާއި ކައިރި ރަށްރަށުން ނިލަންދޫއަށް ދާ ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި އެ އަތޮޅުގެ ރަށްރަށުގެ ޕީޕީއެމް ކައުންސިލަރުންނާއިވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ އެވެ.
މަލީން ލޯންޑަރިންގެ ހުކުމުން ރައީސް ޔާމީން މިނިވަން ވުމާއި އެކު "އިންޑިއާ އައުޓް" ހަރަކާތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.
އިދިކޮޅުން ބުނީ އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ވަތަނީ މަސައްކަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް