ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލޭގޮތަށް ހަރަކާތް ހިންގުމުގެ ޖާގަ ދެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު މާލެސިޓީގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދާޚިލީ ކަންކަމުގެ މަސްލަހަތު ނަގާލައި، ރައްޔިތުންގެ މަސްލަހަތު ގެއްލޭގޮތަށް މުޅި ރާއްޖޭގައި ހަރަކާތެއް ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެކަމުގައެވެ.
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައީސްކަން ކުރެއްވި ބޭފުޅަކު އިސްވެ ހުންނަވައިގެން ޤައުމުތަކާ ދެކޮޅު ހަރަކާތް ހިންގުމަކީ ކުރައްވާކަމެއް ނޫންކަމަށާ، އެއީ ލަދުވެތި ކަމެއް ކަމުގައި ވިދާޅުވެ ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި މިފަދަ ކަމެއް ނުހިނގާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑިއާ އައުޓްގެ ނަމުގައި މުޅިމޭމަތި ފުރެންދެން ޖަހައިގެން ނިކުތީމާ ހުތުރުވާނެ ކަމުގައި ވިދާާޅުވެ އެއީ ރާއްޖޭގެ މަސްލަހަތާއި ޚިލާފްކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމުގެ މަސްލަހަތު ގެއްލޭފަދަ ކަންކަން ހުއްޓުވުމަކީ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ކުރުމަށް ރައީސް ނަޝީދުވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް