ތޫފާނުގައި ފިލިޕިންސްއިން ހާލުގައި ޖެހުނު މީހުން ބަނޑުހައިހޫނު ކަމުގައި މަރުވަނީ

ތޫފާން "ރައި" އަރައި ފިލިޕިންސްއިން ހާލުގައި ޖެހުނު މީހުން ބަނޑުހައިހޫނު ކަމުގައި މަރުވާން ފަށާފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެރި ތޫފާނަކީ ...

21 Dec 2021 | 13:19

ތޫފާން "ރައި" އަރައި ފިލިޕިންސްއިން ހާލުގައި ޖެހުނު މީހުން ބަނޑުހައިހޫނު ކަމުގައި މަރުވާން ފަށާފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެރި ތޫފާނަކީ މިއަހަރު ތެރޭގައި އެ ގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނުގައި މަރުވި މީހުންގެ އަދަދު މިހާޜު 397ށް އަރާފައިވާއިރު ހަތަރު ލައްކަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ފިލިޕިންސްގެ ގޮނޑުދޮށް ސަރަހައްދުތަކަށް ތޫފާން އެރުމުން ހާލުގައި ޖެހުނު މީހުން ތިބީ މަގުމަތިވެފައި އެވެ. އެ ސަރަހައްދުތަކުން ކަރަންޓާއި މުއަސަލާތީ ހިދުމަތާއި ފެނުގެ ހިދުމަތްތައް މެދުކެނޑިފައިވާތީ އެހީ ފޯރުކޮށްދިނުން ވަނީ ލަސްވެފައި އެވެ.

އަދި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތައް ހިނގަމުންދާތީ ދަތުރުފަތުރަށް ދަނީ ހުރަސް އެޅެމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކާއެއްޗެއްގެ އިތުރުން ބޯނެ ފެންފޮދެއްވެސް ނުލިބިގެން މިހާތަނަށް ދެ މީހަކު މަރުވެފައިވެ އެވެ. ތޫފާން އެރިފަހުން ފަސް ދުވަސްވެފައިވާއިރު މިހާތަނަށް އެއްވެސް ވަރަކަށް ކާއެއްޗެއް އަދި ސާފު ބޯފެން ނުލިބޭ ސަރަހައްދުތައް ގިނަ އެވެ. އެހެންވެ އިތުރު ސަރަހައްދުތަކުން މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އެވެ.

ބައެއް ސަރަހައްދުތަކުގައި މީހުންދަނީ މަގުމަތީގައި ކާއެއްޗެއް ދިނުމަށް އެދި މީހުން ކައިރީ ސަލާން ޖަހަމުންނެވެ. އަދި ލޫޓުވުމާއި ފޭރުން އިތުރުވަމުންދާ ކަމަށްވެ އެވެ.

ތޫފާނުގައި ހާލުގައި ޖެހިފައިވާ ބައެއް ސަރަހައްދުތަކުގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ފިލިޕިންސްގެ މައި ސަރުކާރުން އެހީ ފޯރުކޮށްދޭކަން އަންގާފައިވާ ކަމަށާއި އެކަމަކު އަދިވެސް އެ ތަކެތި ނުލިބޭ ކަމަށެވެ.

ފިލިޕިންސް މައި ސަރުކާރުން ބުނީ ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 40 މިލިއަން އެމެރިކާގެ ޑޮލަރުގެ ފަންޑެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ބޭނުންވާ ކާނާ އާއި ބޯފެން ފޯރުކޮށްދިނުމަށް އެތައް ހާސް ސިފައިންނާއި ފުލުހުން އެ ސަރަހައްދުތަކަށް ފޮނުވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް