ގދ. ގައްދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން، 13،498 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 9،519.20 ކިއުބިކް މީޓަރ ބަނދަރަށް އިތުރު ކުރެވޭ ބައި ފުންކުރުމާއި، 232 ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން ހިމެނެއެވެ.
އަދި 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 25 މޫރިންގ ބޮއި ހަރުކުރުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢޫގައި ހިމެނޭ ކަމަށް އެކުންފުނިން ހާމަ ކުރެއެވެ.
މީގެ އިތުރުން 16 މަގު ބައްތި ހަރުކުރުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކުރީ 38.4 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް