އިންޑިއާއިން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ރާއްޖޭގެ ޖައްވު ނުސާފު ވެފައި

ރާއްޖޭގެ ޖައްވު ނުސާފުވެ ފުސްވެފައިވަނީ އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުގެ ސަބަބުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ. މެޓް އޮފީހުން މިއަދު ބުނީ، އާންމުކޮށް މޫސުން ރަނގަޅު ...

21 Dec 2021 | 11:54

ރާއްޖޭގެ ޖައްވު ނުސާފުވެ ފުސްވެފައިވަނީ އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުގެ ސަބަބުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، އާންމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވާނެ ކަމަށެވެ. އެކަމަކު މިދުވަސްވަރު އުތުރާއި މެދުރާއްޖެ ތެރޭގައި ދުރު ފެންނަ މިންވަރު 4-5 ކިލޯމީޓަރަށް ދަށްވެފައި ވާކަމަށެވެ.

މެޓް އޮފީހުން ބުނީ، ދުރުފެންނަ ވަރު ދަށްކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެންބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ. މެޓް އޮފީހުން ބުނީ މިއީ މިހާތަނަށް ރާއްޖެ ސަރަހައްދު ފުސްވި އަހަރު ކަމަށެވެ.

އެއީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ، އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް ބުނެފައިވެ އެވެ. އެކަމުގެ ސަބަބުން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެފައިވާ ކަމަށް ބުންޏެވެ.

އެ ހިރަފުހުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުދަނގޫވުން ގާތް ކަމަށާއި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި ފުސްކަން ކެނޑެން ފަށާނީ ވިއްސާރަ ވާން ފެށުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް