ތ. ތިމަރަފުށީގައި އިސްލާމްދީނަށް ފުރައްސާރަކޮށް އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދެމުން ދިޔަ އަންހެން މީހާ ހައްޔަރު ކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ އެވެ. ފުލުހުން ވިދާޅުވީ، އެ އަންހެން މީހާ ހައްޔަރުކުރީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ދަންވަރު ތިމަރަފުށީ ގެސްޓްހައުސް އަކަށް ވަދެ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ދީގެން ކަމުގައެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އެރަށު މެޖިސްޓރޭޓްކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދީފައިވާ ކަމުގައި ފުލުހުން ވިދާޅުވެއެވެ.
އެ އަންހެން މީހާ އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންދީ އިސްލާމް ދީނަށް ފުރައްސާރަކޮށް މަގުމަތީގައި ހުތުރު ބަހުން މީހުނާއި މުހާތަބު ކުރާ މަންޒަރު ފެންނަ ވީޑީއޯތަކާއި ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އާންމު ވެފައިތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
އެގޮތުން އޭނާ ވަނީ ޕާކުކޮށްފައި އޮތް ވޭނެއްގައި ދަގަނޑު ބުރިއަކުން ޖަަހައި އޭގެ ބިއްލޫރިގަނޑު ތަޅާލައި، ކެފޭއަކާއި ގެސްޓްހައުސްއަކަށް ގޮސް އެ ތަންތަނުގެ މުދަލަށް ގެއްލުންތައް ދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް