ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާން ބޮލީވުޑް ފިރިހެން ތަރިންގެ ތެރެއިން ބޭނުންވާ ހަތަރު މީހުން އުޅެނީ ކައިވެނިކޮށްގެންނެވެ.
އޭނާ ކައިވެނި ކުރަން ބޭނުންވާ މީހުންގެ ނަންތައް ހާމަ ކުރީ ކަރަން ޖޯހަރުގެ ޝޯއެއް ކަމަށްވާ ކޮފީ ޝޮޓްސް ވިތް ކަރަންގައި އެވެ. "ކޮފީ ވިތް ކަރަން" އަސްލަކަށް ބަލައިގެން ތައްޔާރު ކުރާ އެ ޝޯ އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ދައްކާ ޕްރޮގްރާމެކެވެ.
ސާރާ އެ ޝޯގައި ބައިވެރިވަނީ އޭނާގެ ފިލްމު "އަތްރަންގީ ރޭ" ގެ ޕްރޮމޯޝަންގައި އެވެ. ޝޯގައި ސާރާ އާއި އެކު އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ދަނޫޝް ބައިވެރިވި އެވެ.
ޝޯގެ އިޝްތިހާރު މިހާރު ދައްކަން ފަށާފައިވާއިރު އޭގެން ދައްކަނީ ސާރާ ބޮލީވުޑްގައި ކައިވެނި ކުރަން ބޭނުންވާ ތަރިންނަކީ ކޮބައިތޯ ކަރަން އަހާތަނެވެ. ޖަވާބުގައި ސާރާ ބުނަނީ އޭނާ ކައިވެނި ކުރަން ބޭނުންވާ ހަތަރު ތަރިއަކު އެބަތިބި ކަމަށެވެ.
އެއީ ވަރުން ދަވަން، ރަންވީރު ސިންގް، ވިކީ ކައުޝަލް އަދި ވިޖޭ ދެވަރަކޮންޑާ ކަމަށެވެ. މީގެ ތެރެއިން ވިޖޭ ނޫން ހުރިހާ ތަރިންނަކީ ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ވިޖޭވެސް އުޅެނީ ޓެލެގޫ ފިލްމީ ތަރިއަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.
މި ޖަވާބު ދިނުމުން ކަރަން ބުނީ ތި ދައްކާ ވާހަކަ އެމީހުންގެ އަނބިން ބަލަން ތިބުން އެދޭ ކަމަށެވެ. ކަރަން އެހެން ބުނުމުން ސާރާ ބުނެފައިވަނީ އޭނާ އެދެނީ އެ ފިރިހެނުންވެސް އެޝޯ ބަލަން ތިބުން ކަމަށެވެ.
އުމުރުން 26 އަހަރުގެ ސާރާ މިހާތަނަށް އެއްވެސް މީހަކާއި ލޯބީގެ ގުޅުމެއް ބޭއްވި ކަމެއް އަދި ހާމަވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް