ޕީޕީއެމް އިން ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަކުރަން ނިންމައިފި

ޕީޕީއެމް އިން ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަކުރަން ނިންމައިފި އެވެ. އެ ޕާޓީން މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮ...

21 Dec 2021 | 06:18

ޕީޕީއެމް އިން ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަކުރަން ނިންމައިފި އެވެ.

އެ ޕާޓީން މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ބޭއްވުމަށް މިހާރުނިންމާފައިވަނީ މިމަހު 26 ވަނަ ދުވަހު މެންދުރު 2:00 ފެށިގެން ހަވީރު 5:00 ޖެހުމާ ހަމައަށެވެ. މި ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕީޕީއެމް އިން ބުނީ މި ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން، ފޯމު ހުށަހެޅޭނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުން ނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ އިން ވެސް ވާދަކުރުމަށް ނިންމާ، ވަނީ ޕްރައިމަރީއަށް ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް