ކޯވިޑް-19ގެ އާ ވޭރިއަންޓު، އޮމިކްރޯން ފެތުރެނީ ޑެލްާ ވޭރިއަންޓަށްވުރެ ހަލުވިކޮށްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެ ޖަމާއަތުގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވީ އެންމެ ފަހުގެ ހޯދުންތަކުން އެނގުނު ގޮތުގައި މިހާތަނަށް ފެނުނު ކޯވިޑްގެ އެހެން ހުރިހާ ވޭރިއަންޓަކަށްވުރެ އޮމިކްރޯން ވޭރިއަންޓު ފެތުރެލެއް ހަލުވި އެވެ.
އޭނާ ވިދާޅުވީ މި ވޭރިއަންޓު ޖެހޭ މީހުންގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ކަމަށެވެ. އަދި ބަލި ޖެހުނުތާ މާ ގިނަ ދުވަސް ނުވާ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވޭރިއަންޓު ޖެހޭ މީހުންނަށް ބަލީގައި މާ ބޮޑުވަރު ނުވިޔަސް ހަލުވިކަމާއި އެކު ބަލި ފެތުރުމަކީ ސިއްހީ ދާއިރާއަށް ލޮޅުން އަރައި ބޮއްސުންލައި ހިނގައިދާނެ ކަމެއް ކަމަށެވެ.
މި ވޭރިއަންޓާއި ގުޅިގެން ގިނަ ގައުމުތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން މީހުން އެތެރެވުން މަނާކޮށްފައިވާއިރު ބޯޑަރުތައް ދަނީ ބަންދު ކުރަމުންނެވެ.
މި ވޭރިއަންޓު އެންމެ ފުރަތަމަ ފެނުނީ ސައުތް އެފްރިކާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް