މަރުހޫމް އުމަރު ޒާހިރުގެ އަގު ހުރި ހިދުމަތްތައް!

ކޯވިޑް ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް އުމުރުން 85 އަހަރުގައި އިއްޔެ އަވަހާރަވި އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ވާހަކަ އަކީ ދައްކާ ހުސް ނުވާނެ ވާހަކައެކެވެ. ހުރިހާ ސިޔާސީ ކުލަތަކެއްގެ އިސްވެރިންވެސް ...

21 Dec 2021 | 03:36

ކޯވިޑް ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް އުމުރުން 85 އަހަރުގައި އިއްޔެ އަވަހާރަވި އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ވާހަކަ އަކީ ދައްކާ ހުސް ނުވާނެ ވާހަކައެކެވެ.

ހުރިހާ ސިޔާސީ ކުލަތަކެއްގެ އިސްވެރިންވެސް ފާހަގަ ކުރެއްވި އެއްކަމަކީ އުމަރު ޒާހިރަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ރޯލެއް އަދާ ކުރައްވާފައިވާ އިސްބޭފުޅެއް ކަމެވެ. ގައުމީ ހިދުމަތް ތެރިއެއް ކަމެވެ.

އުމަރު ޒާހިރު ސަރުކާރަށް ހިދުމަތް ކުރަން ފެއްޓެވީ 1983 ވަނަ އަހަރު އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ބަނޑޮހުގެ މެނޭޖަރު ކަން ކުރައްވައިފަ އެވެ. ސަރުކާރާއި ގުޅިވަޑައިގެން އެންމެ ފުރަތަމަ އަދާ ކުރެއްވި ވަޒީފާތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރު ކަން ހިމެނެ އެވެ. އެމަނިކުފާނުގެ ހެޑްމާސްޓަރުކަމުގައި މަޖީދިއްޔާ ސްކޫލަށް ގެންނެވި ބަދަލުތައް އެއީ، އޭރު ތައުލީމު ހާސިލް ކުރި އެތައް ބަޔަކު ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ކަމެކެވެ.

އެމަނިކުފާނު މޭސްތިރިއަކަށް ހުންނަވައި ކުރެއްވި ބުރަ މަސައްކަތުގެ ތެރެއިން މިއަދު ދިވެހިންނަށް އެންމެ ފާހަގަ ކުރެވޭނެ ކަމަކީ ހުޅުމާލެ އެވެ. ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1997 ވަނަ އަހަރު އުމަރު ޒާހިރު ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގައި ހުންނެވި އިރު އެވެ.

އެފަދަ އެތައް ތަނެއްގެ ނަން އެބަހުއްޓެވެ. ތިލަފުށި ހިއްކުމާއި، ހެންވޭރު އާޓިފިޝަލް ބީޗު ހިއްކީ އުމަރު ޒާހިރު އިސްކޮށް ހުންނަވައިގެންނެވެ. އުމަރު ޒާހިރު ފާހަގަކުރެވެނީ މަޝްރޫއު ހިންގާ ތަންތަނަށް ވަޑައިގެން އަމަލީ ގޮތުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

އެމަނިކުފާނު މިނިސްޓްރީތަކުގެ މަސައްކަތް ކުރުން ނިމުމަކަށް އައީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލު ވުމުންްނެވެ. އެންމެ ފަހުން މައުމޫންގެ ވެރިކަމުގައި އުމަރު ޒާހިރު ހުންނެވީ ހޯމް މިނިސްޓަރު ކަމުގައި އެވެ. އެމަގާމުގައި ހުންނެވިއިރު ތާރީހީ ގޮތުން ނިންމަވާފައިވާ ނިންމުމަކީ ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދިނުމެވެ.

އުމަރު ޒާހިރާއި އެކު މަސައްކަތް ކުރެއްވި ބޭފުޅުންނާއި އާންމުން އެމަނިކުފާނު ސިފަ ކުރައްވަނީ ގައުމީ ހިދުމަތްތެރިއެއްގެ ގޮތުގައި އެވެ. ހިތް ހެޔޮ، ދީލަތި، އޯގާތެރި، ދީނީ އަޅުކަމަށް ލޯބިކުރާ ބޭފުޅެއްގެ ގޮތުގައި އެވެ.

ސަރުކާރުގެ ވަޒީފާތައް އަދާ ކުރުން ހުއްޓާލި ނަމަވެސް ގައުމަށް ހިދުމަތް ކުރުމާއި ހޭދަ ކުރުމުން ހުއްޓާލާފައެއް ނުވެ އެވެ. އެންމެ ފަހުން ކުރެއްވި އަގުހުރި މަސައްކަތަކީ ފުވައްމުލަކު ސިޓީގައި އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

އެމަނިކުފާނަށް ކޯވިޑް ޖެހުނު ކަމަށްވަނީ އެ ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު މާލެ ވަޑައިގެންނެވުމާއި އެކު އެވެ. އެންމެ ވަގުތުވެސް ކޮށްދެއްވީ އިސްލާމް ދީނާއި ގައުމަށް އަގު ހުރި މަސައްކަތެކެވެ.

އުމަރު ޒާހިރަކީ އެންމެންގެ ލޯބްބާއި އިހުތިރާމް ލިބިފައިވާ ބޭފުޅެކެވެ. ދިވެހި ގައުމަށް ބޭނުންވަނީ މިފަދަ އިހުލާސްތެރި ހިދުމަތްތެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް