ނައިޖީރިއާގެ ސިފައިންގެ އަންހެނަކު ޔުނިފޯމް ލައިގެން ހުރެ ކައިވެންޏަށް އެއްބަސްވުމުން ހައްޔަރުކޮށްފި

ނައިޖީރިއާގެ ސިފައިންގެ އަންހެނަކު ޑިއުޓީ އަދާ ކުރަމުންދަނިކޮށް ކައިވެންޏަށް ހުށަހެޅުމުން ޔުނީފޯމުގައި ހުރެ އެއްބަސްވުމުން ހައްޔަރުކޮށްފި އެވެ. އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި އެ އަނ...

21 Dec 2021 | 02:16

ނައިޖީރިއާގެ ސިފައިންގެ އަންހެނަކު ޑިއުޓީ އަދާ ކުރަމުންދަނިކޮށް ކައިވެންޏަށް ހުށަހެޅުމުން ޔުނީފޯމުގައި ހުރެ އެއްބަސްވުމުން ހައްޔަރުކޮށްފި އެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ ޔުނީފޯމް އަޅައިގެން ހުރެ އަމިއްލަ މަސްލަހަތުގައި މަޖާ ނަގާފައިވާތީ އެވެ. ތަރުޖަމާނު ވިދާޅުވީ އެ އަންހެން މީހާ ވަނީ ސޯޝަލް މީޑިއާ ޕޮލިސީ އާއި އަސްކަރިއްޔާގެ ގަވައިދުތަކާއި ހިލާފުވެފައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ނައިޖިރިއާގެ ހުޅަނގު ކްވަރާ ސްޓޭޓްގެ ޓްރެއިނިން ސެންޓަރެއްގައި އެވެ.

މި ސެންޓަރަކީ ޔުނިވާސިޓީ ތަކާއި މަތީ ތައުލީމް ފޯރުކޮށްދޭ އެހެނިހެން އިދާރާތަކުން ތައުލީމް ނިންމާ ކުދިންނަށް ހާއްސަކޮށް އަސްކަރިއްޔާއިން ތަމްރީން ހިންގާ ސެންޓަރެކެވެ. އެ އަންހެން މީހާއަށް ކައިވެންޏަށް ހުށަހެޅީ އޭނާ ޓްރެއިން ކުރަމުން ދިޔަ ފިރިހެން ދަރިވަރެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެކަން އަސްކަރިއްޔާގެ ވެރިންނަށް ފަޅާ އެރީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރުމުންނެވެ.

އެ ވީޑިއޯގައި ފެންނަނީ ތަމްރީން ހަދަމުން ދަނިކޮށް އެ ފިރިހެން މީހާ ހުރިހާ އެންމެންގެ ތެރޭގައި އަންހެން މީހާ ކުރިމަތީގައި ކުޑަކަކޫ މައްޗަށް އިށީނދެ ކައިވެންޏަށް ހުށަހަޅާތަނެވެ. އޭރު ފަހަތުން އަތް ޖަހާ، ހަޅޭއްލަވައި މަޖާކޮށް އާނއެކޭ ބުނާށޭ ކިޔާ އަޑު އިވޭކަމަށްވެ އެވެ.

ނައިޖީރިއާ އަސްކަރިއްޔާއިން އެޅި ފިޔަވަޅާއި އެކު އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުގައި ވަކާލާތު ކުރާ ނައިޖީރިއާގެ ޖަމާއަތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެމީހުން ބުނެފައިވަނީ އެއީ އަންހެނުންނާއި މެދު ކުރި ތަފާތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް