ސަނާ ފިރިމީހާ އާއި އެކު އުމްރާގެ އަޅުކަމުގައި

ބުރުގާ އެޅުމަށް ފަހު ފިލްމު ކުޅުން ހުއްޓާލި ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ހާން އާއި ފިރިމީހާ އަނަސް ސައްޔިދު އުމްރާއަށް ގޮސްފި އެވެ. ކައިވެންޏަށް ފަހު ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކޮށް ޗުއްޓީ ހ...

21 Dec 2021 | 02:00

ބުރުގާ އެޅުމަށް ފަހު ފިލްމު ކުޅުން ހުއްޓާލި ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ހާން އާއި ފިރިމީހާ އަނަސް ސައްޔިދު އުމްރާއަށް ގޮސްފި އެވެ.

ކައިވެންޏަށް ފަހު ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކޮށް ޗުއްޓީ ހޭދަކޮށްފައިވާ މި ދެމަފިރިން މިވަގުތު ތިބީ އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދިީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގައި އެވެ. ސަނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ދަނީ އުމްރާގެ އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ މަންޒަރުތައް ހިއްސާ ކުރަމުންނެވެ.

އޭގެ ތެރޭގައި ދެމީހުން ހޮޓަލަށް ވަންނަ މަންޒަރާއި ތޮވާފް ކުރުމަށް ހަރަމްފުޅަށް ވަދެ އުމްރާވާ މަންްޒަރު ފެންނަ ވީޑީިއޯ ހިއްސާކޮށްފައިވެ އެވެ. އަދި ދެމަފިރިން މާތްވެގެންވާ ގެފުޅުގެ ކައިރީގައި ނަގާފައިވާ ފޮޓޯއެއްވެސް ސަނާ އިންސްޓަގްރާމްކޮށްފައިވެ އެވެ.

މީގެ އިތުރުން ދެމަފިރިން ތިބޭ ހޮޓެލްގެ ކެއުމާއި ރީތި މަންޒަރުތައް ސަނާގެ ސްޓޯރީގައި ދަނީ ހިއްސާ ކުރަމުންނެވެ. ސަނާ ކުރި ޕޯސްޓެއްގައި ވަނީ އެ މީހުންގެ އުމްރާ ދަތުރު އިންތިޒާމުކޮށް ދިން މީހުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

https://www.instagram.com/p/CXtE3xyATcM/

ކައިވެންޏަށް ފަހު އޭނާގެ ދިރިއުޅުމާއި ހެދުން އެޅުމަށް ބޮޑު ބަދަލެއް ގެނައި ނަމަވެސް އިންޑިއާ މީޑިއާ އާއި ސޯޝަލް މީޑިއާގައި އަދިވެސް އޭނާގެ ނުފޫޒު ވަރަށް ގަދަ އެވެ. ސަނާގެ ހަރަކާތްތަކަކީ އަދިވެސް ނޫސްވެރިން ގާތުން ބަލާ ކަންކަމެވެ.

މި ދެމަފިރިން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

ސަނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2008 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ހައްލާ ބޯލް”، 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ޖޭ ހޯ” އަދި 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ވަޖާ ތުމް ހޯ” ހިމެނެ އެވެ. ރިއަލީޓީ ޝޯތަކުގެ ތެރެއިން ކަލާޒްގެ “ބިގް ބޮސް” އާއި “ހަތުރޯން ކޭ ކިލާޅީ” ގައި ވެސް ސަނާ ވާދަކޮށްފައިވެ އެވެ.

ސަނާ އާއި އަނަސް ކައިވެނިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ގަ އެވެ. ކައިވެނި ކުރަން ވެގެން ފިލްމު ކުޅުން ހުއްޓާލައި އޭނާ ބުރުގާ އެޅި މިދިޔަ އަހަރުގެ މެދުތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް