ރާއްޖޭގެ 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްޤީކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް .ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އެގޮތުން އެއާޕޯޓް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ރަށްތަކާއި މަޝްރޫޢު އަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރާ ޖުމްލަ އަދަދު:
ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު
ކޮންމެ އެއާޕޯޓަކީ ވެސް ވަކި މަޝްރޫއަކަށް ވާތީ ޝައުގުވެރިކަން ފާޅުކުރާއިރު ތަރައްޤީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ޖެހޭ ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން، ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރު ކަމުގައި ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
އަދި ޝައުގުވެރިކަށް ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ އެވެ. ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު -- އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލް އިން ނަމަ ފޮނުވާނީ [email protected] އަށެވެ.
ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެ އެވެ.
މަކުނުދޫ، ބިލަތްފަހި، ތުޅާދޫ އަދި ވިލުފުށީގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތައް ހޯދަން ސަރުކާރުން މީގެ ކުރިންވެސް އިއުލާންކުރި އެވެ.
މީގެކުރިން އެ އިއުލާނާ ގުޅިގެން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެެވެ. ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓަކީ މުޅިން އަލަށް އިއުލާންކުރި ދެ އެއާޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް