އިނގިރޭސިވިލާތުން ފެނުނު ކޯވިޑްގެ އާ ވައިރަހާއި ގުޅިގެން ސައުދީ އަރަބިއްޔާގެ އެއްގަމާއި، ވައި އަދި ކަނޑުގެ ބޯޑަރުތައް ބަންދުކޮށްފި އެވެ.
ސައުދީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުގައި ބޯދަރުތައް ބަންދު ކުރީ ހަފްތާއަކަށެވެ. އެކަމަކު އާ ވައިރަހާއި ގުޅޭ މައުލޫމާތު ހޯދައި އިތުރަށް ފިޔަވަޅުތަށް ދަމަހައްޓަން ޖެހޭ ނަމަ އެ މުއްދަތު އިތުރު ކުރާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ސައުދީގެ ވައިގެ ބޯޑަރުތައް ބަންދު ކުރީ ގިނަ އަދަދެއްގެ ފްލައިޓުތައް އެ ގައުމުގައި ޖައްސާފައި ވަނިކޮށެވެ. އެހެންވެ އެ ފްލައިޓުތައް ފުރުމުގެ ހުއްދަ ސައުދީން ވަނީ ދީފައި އެވެ.
ސައުދީގެ އިތުރުން ޔޫރަޕާއި މެދުއިރު މަތީގެ އެހެން ގައުމުތަކުން ދަނީ އިނގިރޭސިވިލާތަށް ކުރަމުންދާ ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަމުންނެވެ. އިނގިރޭސި ސަރުކާރުން ބުނީ އެވައިރަސް ފެތުރެމުން ދަނީ އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ކަމަށާއި ވައިރަސް ފެތުރުން ކޮންޓްރޯލުން ނައްޓާފައިވާ ކަމަށެވެ.
އާ ވައިރަހާއި ގުޅިގެން ސައުދީގައި ފިޔަވަޅުތައް ވަރުގަދަ ކުރި އިރު ކޯވިޑް-19 އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި އެވެ. އަދި ސައުދީ އަރަބިއާގައި މިހާޜު ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފަ އެވެ.
ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 361,010 މީހުން ޕޮޒިޓިވްވެ 6,122 މީހުން މަރުވެފަ އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 162 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް