ކޯވިޑްގެ އާ ވައިރަސްއާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭ މަޝްވަރާތައް ފަށައިފިން: ޑރ. ނަޒްލާ

އިނގިރޭސިވިލާތުން ފެނުނު ކޯވިޑް-19ގެ އާ ވައިރަސް އާއި ގުޅިގެން ރާޢްޖޭގައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ހެލްތް އެމަޖެންސީ އޮޕަރޭޝަނުން މަޝްވަރާތައް ފަށައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމު...

21 Dec 2020 | 06:16

އިނގިރޭސިވިލާތުން ފެނުނު ކޯވިޑް-19ގެ އާ ވައިރަސް އާއި ގުޅިގެން ރާޢްޖޭގައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ހެލްތް އެމަޖެންސީ އޮޕަރޭޝަނުން މަޝްވަރާތައް ފަށައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑްގެ އާ ވައިރާއި ގުޅޭ މައުލޫމާތުތަކައް ހޯދަމުންދާ ކަމަށެވެ. އަދި އެ ވައިރަހާއި ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ވައިރަހާއި ގުޅޭގޮތުން ރާއްޖެއަށް ޑަބްލިއުއެޗްއޯގެ ލަފާ ލިބިފައިވާ ކަމަށެވެ. އަދި އެ ލަފާ ކަމާބެހޭ އިދާރާތަކާއި ހިއްސާކޮށް ނިންމަން ޖެހޭ ކަންކަން ނިންމަމުން އަންނަ ކަމަށާއި އެޗްއީއޯސީން އަޅަން ނިންމާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ރައްޔިތުންނާއި ހިއްސާ ކުރައްވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިފަދަ ކޮންމެ ވައިރަހަކުން ރައްކާތެރިވުމަށް އަޅަން ޖެހޭނީ އެއް ފިޔަވަޅުތަކެއް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ގިނަ ގިނައިން އަތް ދޮވުމަކީ ބަލިޖެހުމުން ރައްކާތެރިކޮށްދޭނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އާ ވައިރަސް އެ ގައުމުން ފެނުނު ނަމަވެސް އަދި މިވަގުތަށް އެ ގައުމުން ޓޫރިސްޓުން އައުން ހުއްޓުވުންފަދަ ކަމެއް ކުރުމަށް ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19ގެ ވައިރަސް އާންމުކޮށް ފެންނަ ވައިރަހާއި ތަފާތު ކަމަށް އެ ގައުމުގެ ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި ކޯވިޑްގެ ކޭސްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި އެވެ.

އެގައުމުގެ އާންމު ސިއްހަތާ ބެހޭ އިދާރާއިން މުނެފައިވަނީ އެ ވައިރަހުން ބަލިޖެހިފައިވާ 1،108 މީހުން އިގިރޭސިވިލާތުގެ ދެކުނާއި ހުޅަނގުގެ އެކި ސަރަހައްދުން ފެނިފައިވެއެވެ.

އިނގިރޭސިވިލާތުން ފެނުނު ކޯވިޑްގެ އާ ވައިރަހާއި ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން ދާއިރު ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމަށް ދަތުރު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައި އެވެ. އަދި ސައުދީ އަރަބިއްޔާއިން ވަނީ އިނގިރޭސިވިލާތުން މީހުން އުމްރާއަށް ދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް