N/A
ޒަމާނާއެކު ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުންދާ
މި ދުވަސްވަރު، ފައިސާ ރައްކާކުރުމަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ އެންމެ މުހިންމު
އެއްބައި ކަމުގައި ވެއްޖެއެވެ. ޚާއްސަކޮށް ފަހަށް ފައިސާ ރައްކާ ކުރުމަކީ ހަމައެކަނި
ފައިސާ އެއްކުރުމެއް ނޫނެވެ. އެއީ އުފާވެރި އަދި އަމާން މުސްތަޤުބަލަކަށްޓަކައި މިއަދު
އަޅާލެވޭ ރަނގަޅު ފިޔަވަޅެކެވެ. މުސްތަޤުބަލުގައި ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވުމާއި،
ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ފައިސާ ރައްކާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ
ކަމެކެވެ.
އެކަމުގެ ފައިދާ
ފަހަށް ފައިސާ ރައްކާ ކުރުމުގެ ސަބަބުން ވަރަށް ގިނަ
ފައިދާތައް ލިބެއެވެ. އެންމެ ބޮޑު އެއް ފައިދާއަކީ މާލީ މިނިވަންކަމާއި ރައްކާތެރިކަން
ލިބުމެވެ. އުމުރުން ދުވަސްވުމުން ނުވަތަ ވަޒީފާއިން ވަކިވުމުން ދިރިއުޅުމަށް ދިމާވާނެ
މާލީ ގޮންޖެހުންތަކުން ސަލާމަތްވެ، ހިތްހަމަޖެހުމާއެކު ދިރިއުޅުން ބާއްވާލެވޭނެއެވެ.
އަދި، ކުއްލިއަކަށް ދިމާވާ ބަލިތަކަށް ފަރުވާ ހޯދުމަށް ނުވަތަ ވަޒީފާ ގެއްލުމުންނާއި
މިފަދަ ނުރައްކާތެރި ޙާލަތްތަކުގައި ވެސް ފައިސާ ރައްކާ ކޮށްފައި ހުރުމަކީ ބޮޑު ހިތްވަރެކެވެ.
މީގެ އިތުރުން، އަމިއްލަ ގެއެއް ގަތުން، ދަރިންނަށް މަތީ ތަޢުލީމު ހޯދައިދިނުން، ވިޔަފާރިއެއް
ފެށުން ނުވަތަ ޙައްޖަށް ދިޔުން ފަދަ ދިރިއުޅުމުގެ ބޮޑެތި ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް
ވެސް ފައިސާ ރައްކާ ކުރުން ވަރަށް މުހިންމެވެ. ފައިސާ ރައްކާ ކުރުމަކީ ދަރަނިވެރިވުމުން
ސަލާމަތްވެ، ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް އެޅޭ ރަނގަޅު ބިންގަލެކެވެ. އިސްލާމްދީނުގައި
ވެސް އިސްރާފު ކުރުން މަނާކޮށް، މުސްތަޤުބަލަށް ތައްޔާރުވުމަށް ބާރު އަޅުއްވާފައިވެއެވެ.
ކުރެވިދާނެ ބައެއް ކަންކަން ކުރުކޮށް
ފައިސާ ރައްކާކުރުމަކީ ކުއްލިއަކަށް ކުރެވޭނެ ކަމެއް
ނޫނެވެ. އެއީ ހުނަރެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކުން ވެސް ފެށިދާނެ ހެޔޮ އާދައެކެވެ.
ފައިސާ ރައްކާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީއެވެ:
- ބަޖެޓެއް ހެދުން: ކޮންމެ މަހަކު ލިބޭ އާމްދަނީއާއި ޚަރަދުވާ
ގޮތްތައް ބަލާލައި ބަޖެޓެއް ހަދާށެވެ. މިކަމުގެ ސަބަބުން ޚަރަދު ބޮޑުވާ ގޮތްތައް ދެނެގަނެ،
ބޭކާރު ޚަރަދުތައް ކުޑަކުރެވޭނެއެވެ.
- ބޭކާރު ޚަރަދު ކުޑަކުރުން: ކޮފީ ބޮއިގެން ނުވަތަ ބޭރުން
ކައިގެން ނުވަތަ ބޭނުމެއް ނެތް ތަކެތި ގަނެގެން ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރާށެވެ.
- މުސާރަ ލިބުމުން، އެންމެ ފުރަތަމަ، ރައްކާކުރަން ބޭނުންވާ ޢަދަދު ވަކިކޮށް
އެހެން އެކައުންޓަކަށް ބަދަލުކުރާށެވެ.
- ކަރަންޓާއި ފެން ބޭނުންކުރުން މަދުކުރުން: ކަރަންޓާއި
ފެން ބޭނުންކުރުން މަދުކުރުމަކީ ވެސް މަހުން މަހަށް ޚަރަދު ކުޑަކުރެވޭނެ ގޮތެކެވެ.
- އޮންލައިން ޝޮޕިންގްގެ ސަބަބުން ވާ ގެއްލުންތަކުން ދުރުހެލިވުން:
އޮންލައިންކޮށް ބޭނުން ނޫން ތަކެތި ގަތުމުގެ ބަދަލުގައި، ބޭނުންތަކަށް ސަމާލުކަން ދޭށެވެ.
ޕްލޭނެއް
ފައިސާ ރައްކާކުރުމަށްޓަކައި ރަނގަޅު ޕްލޭނެއް އޮތުމަކީ
ވަރަށް މުހިންމު ކަމެކެވެ.
- ލަނޑުދަނޑިތައް ކަނޑައެޅުން: ފައިސާ ރައްކާކުރަނީ ކޮން
ކަމަކަށްތޯ ބަލާށެވެ. (މިސާލަކަށް: ގޭގެ ޑައުންޕޭމަންޓް، ކުދިންގެ ތަޢުލީމު، ޕެންޝަން،
ޙައްޖު). ކުރު މުއްދަތުގެ (އެއް އަހަރުގެ ތެރޭގައި)، މެދު މުއްދަތުގެ (ފަސް އަހަރުގެ
ތެރޭގައި)، އަދި ދިގު މުއްދަތުގެ (ފަސް އަހަރުން މަތީގެ) ލަނޑުދަނޑިތައް ކަނޑައަޅާށެވެ.
ޢަދަދެއް ކަނޑައެޅުން: މަހަކު ރައްކާކުރާނެ ޢަދަދެއް
ނުވަތަ އާމްދަނީގެ އިންސައްތައެއް ކަނޑައަޅާށެވެ.
- ރައްކާކުރާނެ ގޮތެއް ނިންމުން: ބޭންކް އެކައުންޓެއް، އިންވެސްޓްމަންޓް
ސްކީމެއް ނުވަތަ އިސްލާމީ ޝަރީޢާ އާ އެއްގޮތްވާ އިންވެސްޓްމަންޓް ވަސީލަތެއް ޚިޔާރު ކުރެވިދާނެއެވެ.
މޮނިޓަރ ކުރުން: މަހުން މަހަށް ނުވަތަ ކޮންމެ
ކުއާޓަރަކު އެއްފަހަރު، ބަޖެޓާއި ރައްކާކުރުމުގެ ޕްލޭން ބަލާލާށެވެ. މިއީ ލަނޑުދަނޑިތަކާ
ދިމާއަށް ކުރިއަށް ދިޔުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ބަދަލުތައް ގެނައުން: ދިރިއުޅުމުގައި އަންނަ ބަދަލުތަކާ
އެއްގޮތަށް، ޕްލޭނަށް ބަދަލުތައް ގެނެސް، އެކަން ކުރިއަށް ގެންދާށެވެ.
ފައިސާ ރައްކާކުރުމަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ
ފެންވަރު ރަނގަޅުކޮށް، ހިތްހަމަޖެހުމާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކައި
ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމައެކަނި ފައިސާ އެއްކުރުމެއް ނޫނެވެ. އެއީ މުސްތަޤުބަލަށްޓަކައި
ކުރެވޭ ދުރުވިސްނޭ އިންވެސްޓްމަންޓެކެވެ. މިކަންކަން ހަދާނުގައި ބަހައްޓައިގެން މަސައްކަތް
ކުރުމަކީ އަމާން އަދި އުފާވެރި މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް