ވެލިދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ނ. ވެލިދޫ ކައުންސިލާއި ބައްދަލުކުރައްވާ، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ހޯއްދަވައި...

21 Nov 2021 | 14:54

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ނ. ވެލިދޫ ކައުންސިލާއި ބައްދަލުކުރައްވާ، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ހޯއްދަވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކުރައްވާފަ އެވެ.

ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ވެސް ބިން ދޫކުރުމުގައި ހުރި ދަތިކަމުގެ އިތުރުން ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަށް ދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް