ޓެރަރިޒަމްގެ 33 މައްސަލައެއްގައި 48 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ ދީނީ އަގީދާއާ ދެކޮޅަށް އެއްވެސް އެއްޗެއް ގަސްދުގައި ބުނުން ނުވަތަ އަމަލެއް ހިންގައިގެން 21 މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން 33 މައްސަލައެއް ތަހުގީގުކުރި އިރު، އިސްލާމް ދީނާ ޚިލާފު އަމަލެއް ކޮށްގެން ނުވަތަ ވާހަކައެއް ދައްކައިގެން 21 މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށް މައްސަލަ ބެލުމަށް ފުލުހުން އިސްކަންދޭ މިންވަރަށް، ދީނަށް ފުރައްސާކޮށް، ދީނީ އަގީދާއާ ޚިލާފު ކަންކަން ކުރާ މީހުންގެ މައްސަލަތަކަށް ފުލުހުން ސަމާލުކަން ނުދޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ސީޕީ ހަމީދު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކުގެ އިތުރުން، ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ވެސް ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.
" އެހެންކަމުން، ފުލުހުން ވަކި ކަހަލަ މައްސަލައަކަށް ސަމާލުކަން ނުދޭ ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް. ރައްޔިތުންގެ ކަންބޮޑުވުން ހުރި ރައްޔިތުންގެ ރައްކާތެރިކަމަށް ހުރަސްތައް އެޅިގެންދާ ފަދަ މައްސަލަތަކުގައި ވަކި ކަމަކަށް ނުބަލާ ހުރިހާ ކަމަކަށް ވެސް އެއް ލެވެލެއްގައި ފުލުހުން ސީރިއަސްކަން ދެން." ހަމީދު ވިދާޅުވި އެވެ.
ދީނީ އަގީދާއާ ދެކޮޅު 21 މައްސަލައެއް ފުލުހުން ތަހުގީގުކުރި އިރު، ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވީ ތިން މައްސަލައެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް