އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް،ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އަދި ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދެވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުހުރަސްކޮށް ހިނގާ ޑްރަގް ވިޔަފާރި ފަދަ ކުށްތައް ހުއްޓުވުމުގައި އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އިންޑިއާ ސަފީރު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި އެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އެމަނިކުފާނު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް