އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑު އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް - ދޯސްތީ" މިއަދު ފަށައިފި އެވެ.
މިއީ، މި އެކްސަސައިޒް ބާއްވަން ފެށިތާ 30 އަހަރު ފުރޭ އަހަރެވެ.
އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ.
މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން ނެވެ. މި އެކްސަސައިޒްގެ އޮބްޒަރވަރުންގެ ގޮތުގައި މޮރިޝަސްއާއި ސީޝެލްސް އަދި ބަނގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ބައިވެރިވަމުން ނެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކްރޮސް ރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިއަދު ފެށިގެންދާ އެކްސަސައިޒަށް އަލިއަޅުއްވާލައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މި ތަމްރީނުތަކުން ފެނިގެންދަނީ 30 އަހަރު ދުވަހުގެ ދިގު ރާސްތާއެއް ކަނޑައްތުކުރެވިފައިވާ މުހިންމު ދަތުރެއް ކަމާއި، 1991 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އެ ތަމްރީނުތަކުގެ ސަބަބުން ވަރުގަދަ ކަނޑުގެ ބާރެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށް ޓަކައި ވޭތުވެދިޔަ 30 އަހަރު ދުވަހު، މި އެކްސަސައިޒަކީ ކާމިޔާބު އެކްސަސައިޒަކަށް ހެއްދެވުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ޤައުމީ އަދި ސަރަޙައްދީ ސަލާމަތަށް މީގެކުރިން ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތައް މިހާރު ފެންނަމުންދާކަން ހަނދާން އައުކުރަން ޖެހޭ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދަށް ބަލާލާއިރު ފެންނަމުންދަނީ ބަދަލުވަމުން އަންނަ އިސްތިރާޖީ މާހައުލެއް ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޕައިރެސީއާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި، ހަތިޔާރުގެ ވަގު ވިޔަފާރި ފަދަ ކުށްތަކަކީ ސަލާމަތީގޮތުން މި ސަރަޙައްދުން ފެންނަމުންދާ އަންދާޒާ ނުކުރެވޭ ފަދަ ގޮންޖެހުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު ސަލީމާއި، އިންޑިއާ ކޯސްޓްގާޑުގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް ވިރެންދްރާ ސިންގް ޕަތަނިއާއާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް އަނުރާ އެކަނަޔަކީ ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އެކްސަސައިޒް ދޯސްތީއަށް 30 އަހަރު ފުރިގެން ބާއްވާ ހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު 20 އިން 24 އަށް ރާއްޖޭގައި ބާއްވާ ޓްރައިލެޓްރަލް ޖޮއިންޓް އެކްސަސައިޒް [ދޯސްތީ 15] ގެ ތެރެއިން ނެވެ.
އެކްސަސައިޒް ދޯސްތީއަށް 30 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް ރަހީމް ޢަބްދުލް ލަތީފް، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް އަނުރާ އެކަނަޔަކީއާއި އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ އަދި ސްރީލަންކާ ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެވަދައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް