ޔުނައިޓެޑް ގެ ކޯޗުކަމުން ސޮލްޝެއަރ ވަކި ކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޮލްޝެއަރ ވަކިކޮށްފި އެވެ. ސޯލްޝެއަރ ޔުނައިޓެޑްގެ ކޯޗުގެ މަޤާމުން ވަކިކުރަން ނިންމީ ޔުނައިޓެޑްގެ ބޯޑުން ވޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ. މި ބައް...

21 Nov 2021 | 11:55

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޮލްޝެއަރ ވަކިކޮށްފި އެވެ.

ސޯލްޝެއަރ ޔުނައިޓެޑްގެ ކޯޗުގެ މަޤާމުން ވަކިކުރަން ނިންމީ ޔުނައިޓެޑްގެ ބޯޑުން ވޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޕްރިމިއާ ލީގުގައި ރޭ 4-1 ގެ ނަތީޖާއިން ވޮޓްފޯޑް އަތުން ޔުނައިޓެޑް ބަލިވުމާއި ގުޅިގެންނެވެ.

ސޯލްޝެއާ ވަކިކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލުކުރީ އެ ކްލަބަށް ކުރިން ކުޅުނު އަދި އެ ކްލަބުގެ ކެއަރޓޭކަރ މެނޭޖަރ ގެ ދައުރު އަދާކުރަމުން އަންނަ މައިކަލް ކެރިކްއާއެވެ. މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑުގެ ކޯޗެއްހެ ގޮތުގައި ހަރަކާތްތެރިވާނީ ކެރިކްއެވެ.

ޔުނައިޓެޑުން ރަސްމީކޮށް އެކުލަބަށް ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން އެކުލަބުގެ ކޯޗުކަމަށް ގެންނަން މަސައްކަތް ކުރަމުން ގެންދަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާންއެވެ.

ސޮލްޝެއަރ ޔުނައިޓެޑްހެ ކޯޗުކަމާއި ހަވާލުވެފައިވަނީ 2018 ވަނަ އަހަރުގައެވެ. ޔުނައިޓެޑްގެ ކޯޗުކަމާއި ސޮލްޝެއަރ ހަވާލުވީ އޭރު އެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ދުރުކުރުމަށް ފަހުގައެވެ. އެންމެ ފުރަތަމަ އެ މަގާމަށް ސޮލްޝެއަރ ހަމަޖެއްސީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ތިން މަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް އެ ތިން މަސްދުވަހުގެ ތެރޭގައި ސޮލްޝެއަރ ގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ހޯދަމުން އައި ރަނގަޅު ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑުން ނިންމީ އޭނާއަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ދޭށެވެ. އެގޮތުން ސޮލްޝެއަރ ގެ އެއްބަސްވުން 2024 ވަނަ އަހަރާއި ހަމައަށް އާކުރިއެވެ.

ސޮލްޝެއަރ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. 2018 ވަނަ އަހަރު ކޯޗުގެ މަޤާމާއި ހަވާކުވެ ޔުނައިޓެޑާއެކު ސޯލްޝެއާ ހޭދަކުރި ފުރަތަމަ ސީޒަނުގައި ލީގު ތިންވަނަ މަޤާމު ހޯދިއިރު، ޖެހިގެން އައި ސީޒަނުގައި އެޓީމު ލީގު ނިންމާލީ ދެވަނައިގަ އޮވެ އެވެ. ނަމަވެސް މި ސީޒަނުގައި މިހާތަނަށް 12 މެޗު ކުޅުނުއިރު، އެޓީމު ވަނީ ފަސް މެޗުން ބަލިވެފައެވެ. އަދި މިވަގުތު ޔުނައިޓެޑް އޮތީ ލީގުގެ ހަތް ވަނާގައެވެ.

ސޮލްޝެއަރ ގެ ކޯޗު ކަމުގައި ޔުނައިޓެޑުން 168 މެޗު ކުޅެފައިވާއިރު، މޮޅުވެވިފައިވަނީ 92 މެޗުންނެވެ. 35 މެޗުން އެއްވަރުވިއިރު، 41 މެޗުން ވަނީ ބަލިވެފައެވެ. ސޮލްޝެއަރ ގެ ކޯޗުކަމުގައި ޔުނައިޓެޑަށް އެއްވެސް ތައްޓެއް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް