ފ. ނިލަންދޫގައި ހަކުރުބަލީގެ ބަލިމީހުންތިބި ކޮންމެ ގެޔަކަށް ގުލްކޯ މީޓަރު ހަދިޔާކޮށްފި

ފ. ނިލަންދޫގައި ކުރިޔަށް ގެންދިޔަ ޢާއިލީ ހަވީރުގައި ނިލަންދޫގައި ހަކުރުބަލީގެ މީހުން ތިބި ކޮންމެ ގެޔަކަށް ގުލްކޯ މީޓަރެއް ހަދިޔާކޮށްފި އެވެ. މިއީ މިއަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމާއ...

21 Nov 2021 | 11:24

ފ. ނިލަންދޫގައި ކުރިޔަށް ގެންދިޔަ ޢާއިލީ ހަވީރުގައި ނިލަންދޫގައި ހަކުރުބަލީގެ މީހުން ތިބި ކޮންމެ ގެޔަކަށް ގުލްކޯ މީޓަރެއް ހަދިޔާކޮށްފި އެވެ.

މިއީ މިއަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި ހަރަކާތުގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ކަމެކެވެ.

ހޮނިހިރު ދުވަހު ހަވީރު ނިލަންދޫ އިރުމަތީ ބަނދަރުގައި ނިލަންދޫގެ ކުދިބޮޑު ގިނަޢަދަދެއްގެ ބަޔަކު ބައިވެރިވި މިހަވީރު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔައީ ޑަބްލިއޫ އެޗް އޯގެ އެހީގައި ކްލަބް ޖަމްޢިއްޔާތަކާއި މުއައްސަސާތައް ގުޅި ގެން ގުލްކޯ މީޓަރު ހަދިޔާ ކުރުމުގެ ޙަރަކާތެވެ.

އެގޮތުން ނިލަންދޫގައި ތިބި ހަކުރުބަލި މީހުންނަށް ގުލްކޯ މީޓަރު ހަދިޔާ ކުރުމަށްފަހު ފ.އަތޮޅު ހޮސްޕިޓަލަށާއި ފ.އަތޮޅުގެ ރަށްތަކުގެ ޞިއްޙީ

މަރުކަޒުތަކަށްވެސް ގުލްކޯ މީޓަރު ހަދިޔާކޮށްފައި ވެއެވެ. ފ. އަތޮޅު ކައުންސިލް ގެ ރައީސް ޢަލީ މުޙައްމަދާއި އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ޚަލީލުއާއި މިތަކެތި ޙަވާލުކޮށްދެއްވީ މިޢާއިލީ ހަވީރުގެ ޝަރަފުވެރި މެހެމާނާ ނިލަންދޫއަށް އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފ. ނިލަންދޫ ބިއްދޮށުގޭ ޙައްވާ ފިކުރީ އެވެ.

ނިލަންދޫގެ ގިނަ ޢަދަދަދެއްގެ ރައްޔިތުން ބައިވެރިވި މިހަވީރުގައި އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ހެލްތް ސްކްރީން ޕްރޮގްރާމާއި ހަކުރުބައްޔަށް ޓެސްޓު ކުރުމާއި ހަކުރު ބައްޔާއި ބެހޭ ތަފާތު މަޢުލޫމާތުތައް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދީފައި ވެއެވެ. އަދި ނިލަންދޫ ކައުންސިލުން އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ޢާންމު ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ތަފާތު ޑްރާމާ ތަކެއްވެސް ހުށަހަޅާ ދީފައި ވެއެވެ.

މުނިފޫހި ފިލުވުމުގެ ތަފާތު ޙަރަކާތްތައް ހިމަނައިގެން ގިނަކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ކުރިޔަށް ގެންދިޔަ މިހަވީރުގައި ކުޑަކުދިން އެންމެ ގަޔާވާ ފޭސްޕެއިންޓިންގ އާއި ޕޮލިސް ޔުނީފޯރމުގައި ފުލުހުންގެ ވެހިކަލްގައި ފޮޓޯނެގޭނެ އިންތިޒާމުވެސް ވަނީ ތަނަވަސްކޮށްދީފަ އެވެ. އަދި ތަފާތު ޕޯސްޓަރު ތަކާއެކުވެސް ފޮޓޯ ނެގުން ކުރިޔަށް ގެންދެވިފައި ވެއެވެ.

މިޢާއިލީ ހަވީރުގެ ޚާއްޞަ ނަމްބަރެއް ގޮތުން ފ. ނިލަންދޫ ޕޮލިސް އިން އިސްނަގައިގެން ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމު " ޒިންމާ " ވަނީ އިފްތިތާހުކޮށްފަ އެވެ.

މިޕްރޮގްރާމު އިފްތިތާޙު ކޮށްދެއްވީ ފ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލްއާއި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު އެވެ.

ފ.އަތޮޅުގެ ރަށްތަކުގެ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޒުވާނުންނަށް އަދި މުއައްސަސާތަކުގައި މަސައްކަތް ކުރާ މު ވައްޒަފުންނާއި ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވޭ މިޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އެންމެން ގުޅިގެން ފ.އަތޮޅަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމުކުރެވިފައިވާ ތަނަކަށް ހެދުމާއެކު ފުލުހުންނާއި ޢާންމު ރައްޔިތުންނާއިމެދު އޮންނަ ގުޅުން މިހާރަށްވުރެވެސް އިތުރަށް ހަރުދަނާ ކުރުމެވެ.

މިޢާއިލީ ހަވީރުގައި ފ. އަތޮޅު ކައުންސިލާއި ނިލަންދޫ ކައުންސިލާއި ފ. އަތޮޅު ހޮސްޕިޓަލާއި ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި ފެމިލީ އެން ޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި ފެނަކައާއި ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗް އަދި އެސްޓީއޯ ނިލަންދޫ ފާރމަސީން ވެސް ބައިވެރިވެފައިވެ އެވެ. އަދި ނިލަންދޫ ސްޕޯރޓްސް ކްލަބާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ނިލަންދޫ ޔަންގް ޖެނެރޭޝަންއާއި ސްޕަރ ޖެނެރޭޝަން ކްލަބްގެ އިތުރުން ޑޯން ޖަމްޢިއްޔާވެސް ބައިވެރިވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް