ކިއުބާއިން ތިން މަސް ދުވަހަށް ވަގުތީ ޑޮކްޓަރުން ގެންނަނީ

ތަފާތު ބަލިތަކަށް ސްޕެޝަލައިޒް ވެފައިވާ ޑޮކްޓަރުން ހޯދުމުގައި މި ދުވަސްވަރު ދަތިތަކަކާއި ކުރިމަތިލާންޖެހިފައި ވާތީވެ ބޮޑު މުސާރަ އެއް ދީގެން ކިއުބާއިން 3 މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ޑޮކްޓަރުން ގ...

21 Nov 2021 | 09:38

ތަފާތު ބަލިތަކަށް ސްޕެޝަލައިޒް ވެފައިވާ ޑޮކްޓަރުން ހޯދުމުގައި މި ދުވަސްވަރު ދަތިތަކަކާއި ކުރިމަތިލާންޖެހިފައި ވާތީވެ ބޮޑު މުސާރަ އެއް ދީގެން ކިއުބާއިން 3 މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ޑޮކްޓަރުން ގެންނަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މީޑިއާގައި ވިދާޅުވީ ކޮވިޑާއި ގުޅިގެން ޚާއްސަ ޑޮކްޓަރުން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވާތީވެ މިހާރު ސަރުކާރުން ނިންމާފައިވަނީ ކިއުބާއިން ޑޮކްޓަރުން ގެންނަން ކަމުގައެވެ.

ނަސީމް ވިދާޅުވި ގޮތުގައި ކިއުބާގެ ޑޮކްޓަރުން އަގު ހެޔޮވެފައި، ތަޖުރިބާ ހުންނާނެ ކަމަށާއި ޚާއްސަ ގޮތެއްގައި ޕަބްލިކް ހެލްތު ދާއިރާ އަށް ވަރަށް މޮޅު ވާނެ ކަމުގައެވެ.  އެހެންކަމުން ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ބަޖެޓް ތަން ދިން ވަރަކުން ވިހާވެސް ގިނައިން ކިއުބާ އިން ޑޮކްޓަރުން ގެންނާށެވެ.

އެގޮތުން ނަސީމް ވިދާޅުވީ، ވަގުތީ ގޮތުން ގެންނަ ޑޮކްޓަރުންގެ މުސާރައިގެ ގޮތުގައި ދޭން ނިންމާފައިވަނީ 5000-4000 ޑޮލަރުގެ މުސާރައެއް ކަމުގައެވެ. އަދި އެ މުއްދަތުގެ ތެރޭގައި  ވަގުތީ ޑޮކްޓަރުން އެސެސް ކުރުމަށްފަހު ދާއިމީ ކުރަން ޖެހޭނަމަ ދާއިމީ ކުރާނެ ކަމުގައެވެ.

ނަސީމް އިތުރަށް ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިރޭ ބަންގްލަދޭޝް އަށް ފުރާވަޑައި ގަންނަވާނެ ކަމުގައެވެ. އަދި އެއީ ވެސް ރާއްޖެއަށް  ޑޮކްޓަރުން ހޯދުމަށްޓަކައި ބަންގްލަދޭޝް އަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތަށް ހައްލު ކުރުމަށްޓަކައި، ޑޮކްޓަރުންގެ ޕޫލެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް