ނަޝީދު ހުންނަވަން ހަމަޖެހިފައިވާ "މުރައިދޫ" ގޭގެ މަސައްކަތް ނިމިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަޢުލަތުގެ ފަރާތުން ހަމަޖައްސާ ވަގުތީ ގެކޮޅު ކަމުގައިވާ "މުރައިދޫ" ގޭގެ މަސައްކަތް ނިންމައި އެ ގެކޮޅު  ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހަވާލުކޮށްފިއެވެ. ޕްލޭނިންގ ...

21 Nov 2021 | 09:24

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަޢުލަތުގެ ފަރާތުން ހަމަޖައްސާ ވަގުތީ ގެކޮޅު ކަމުގައިވާ "މުރައިދޫ" ގޭގެ މަސައްކަތް ނިންމައި އެ ގެކޮޅު  ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "މިހާރު" ނޫހަށް ވިދާޅުވީ މަޖިލީހުގެ ރައީސް ހުންނަވަން ހަމަޖެހިފައިވާ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި މަޖިލީހުގެ އިދާރާއާއި އިއްޔެ ހަވާލު ކޮށްފައިވާ ކަމުގައެވެ.

ދަޢުލަތުން މީގެ ކުރިން ރަަސްމީ ގެކޮޅު ހަމަޖައްސައި ދެނީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް އެކަންޏެެވެ. ނަމަވެސް މެއި ހައެއްގައި މަޖިލީހުގެ ރައީސަށް އަމާޒު ކޮށް ދިން ހަމަލާއަށް ފަހު ދައުލަތުގެ އިސްވެރިންނަށް ގެކޮޅު ހަމަޖައްސައިދޭން ޤާނޫނުގައި ކަނޑައެޅީއެވެ. އެ ހަމަލާ ދިން އިރު ނަޝީދު ދިރިއުޅުއްވަމުން ދިޔައީ އަމިއްލަ ގެކޮޅު "ގ.ކެނަރީ" ގޭގައެވެ.

އެގޮތުން އެ ސަރަހައްދުގައި ނަޝީދަށް ސެކިއުރިޓީ ދޭން އުނދަގޫ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދަޢުލަތުން މަޖިލީހުގެ ރައީސް ހުންނެވުމަށް ވަގުތީ ގޮތުން މުރައިދޫގެ ހަމަޖައްސަވައި ފައި ވެއެވެ.

މުރައިދޫގެ ހުންނަ މަގު ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ އެ ސަރަހައްދުގައި މަޑުކޮށްގެން ތިބުމާއި އުޅަނދުފަހަރު ޕާކު ކުރުން ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީވެސް ރެޑް ޒޯނެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށްގެން ދެވުނު ޓެރަރިސްޓު ހަމަލާގައި އެ މަނިކުފާނަށް ލިބިލެއްވި ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އިނގެރޭސި ވިލާތުގައި ހުންނެވުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހު ވަނީ ރާއްޖެ ވަޑައިގެންފައެެެވެ. އެއަށްފަހު ހޮޓެލް ޖެން ގައި 21 ދުވަހު ހުންނެވުމަށްފަހު މިދިޔަ މަހުގެ 29 ގައި ވަނީ ކޮޕް26 ސަމިޓަށް ފުރާވަޑައިގެން ފައެވެ. އަދި އެ ފަހުން އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް