ގޯލްޑެން ބޯއީ އެވޯޑް އާލިން ހާލަންޑް އަށް ލިބިއްޖެ

ޔޫރަޕްގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އަހަރުގެ 21 އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ “ގޯލްޑެން ބޯއީ” އެވޯޑް ބޮރޫޝިއާ ޑޯޓްމަންޑާއި ނޯވޭގެ  ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަނ...

21 Nov 2020 | 18:49

ޔޫރަޕްގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އަހަރުގެ 21 އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ “ގޯލްޑެން ބޯއީ” އެވޯޑް ބޮރޫޝިއާ ޑޯޓްމަންޑާއި ނޯވޭގެ  ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް އަށް ލިބިއްޖެ އެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ވާދަކުރި މި އެވޯޑް ހާލަންޑަށް ލިބުނީ 302 ޕޮއިންޓްއާއި އެކުގައެވެ. އެވޯޑުން ދެ ވަނަ ލިބުނު ބާސެލޯނާގެ ފޯވާޑް އަންސޫ ފާޓީ އަށް ލިބުނީ 239 ޕޮއިންޓް އެވެ. ތިން ވަނަ ލިބުނީ 226 ޕޮއިންޓް ލިބުނު ބަޔާން މިއުނިކްގެ އަލްފޮންސޯ ޑޭވީސް އަށެވެ. ހަތަރު ވަނަ އަށް ދިޔައީ 80 ޕޮއިންޓް ލިބުނު ޖޭޑަން ސަންޗޯ އެވެ. ފިލް ފޯޑެން އަށް ހަތް ވަނަ ލިބުނުއިރު އާސެނަލްގެ ބުކަޔޯ ސާކާ އަށް ލިބުނީ ނުވަ ވަނަ އެވެ. މެންޗެސްޓަރ ސިޓީގެ ފެރާން ޓޮރޭސް 11 ވަނައިގައި އުޅޭއިރު މެންޗެސްޓަރ ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ލިބުނީ 12 ވަނަ އެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި 44 ލަނޑު ޖަހައިފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑް ވަނީ 18 މެޗުގައި 16 ލަނޑު އެ ކުލަބަށް ޖަހައިދީފައެވެ. އޭނާ ވަނީ މި ސީޒަނުގައި ވެސް މިހާތަނަށް  ހަ ލަނޑު ޖަހައިފަ އެވެ.

ގޯލްޑެން ބޯއީ އެވޯޑަކީ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން 2003 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕްގެ މަޝްހޫރު ބައެއް ގައުމުތަކުގެ ނޫސްވެރިންނެވެ. މިގޮތުން މި އެވޯޑަށް ވޯޓުދޭ ނޫސްވެރިން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ސްވިޒަލެންޑް، ޕޯޗުގަލް، ފްރާންސް، ސްޕެއިން، ގްރީސް، ރަޝިއާ، ނެދަލެންޑްސް އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް