އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެއެވެ.
ނިއުކާސަލް ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ކުރީކޮޅު އެޓީމަށް ލީޑު ލިބުނީ ނިއުކާސަލްގެ ފެޑެރިކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ގޯލަށް ފަހު ވެސް ޗެލްސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަ ހާފުން އެޓީމުން ނިންމާލީ އިތުރު ލަނޑެއް ނުޖެހިއެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 65 ވަނަ މިނެޓުގައި ޓަމީ އަބްރަހަމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ ޓީމޯ ވާނާގެ އެހީތެރިކަމާއި އެކުގައެވެ.
މި މޮޅާއި އެކު ޗެލްސީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ޗެލްސީ އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް 18 ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި މެޗުގައި ޗެލްސީއަތުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 11 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.
ލީގުގައި ދެން ޗެލްސީ ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް