ތަފާސް ހިސާބު ދުވަހާއި ގުޅޭ ކުރެހުމުގެ މުބާރާތުން ވަނަތަކަށް ހޮވުނު ކުދިންނަށް އިނާމު ދީފި

ދުނިޔޭގެ ތަފާސް ހިސާބު ދުވަސް ފާހަގަ ކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ކުދިންނަށް އިނާމު ދީފި ...

21 Nov 2020 | 15:42

ދުނިޔޭގެ ތަފާސް ހިސާބު ދުވަސް ފާހަގަ ކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ކުދިންނަށް އިނާމު ދީފި އެވެ.

މިދިޔަ މަހުގެ 24 ން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި 40 ކުއްޖަކު ބައިވެރިވެ 36 ކުރެހުމެއް ހުށަހަޅާފައިވެ އެވެ. މި މުބާރާތް ކުރިޔަށް ގެންދިޔައީ 12-17 އަހަރާއި ދެމެދުގެ އުމުރުފުރާއަށް އަމާޒުކޮށްގެންނެވެ.

މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއް ވަނަ ދެވަނަ އަދި ތިން ވަނަ ހޮވާފައިވެ އެވެ. އެގޮތުން އެއްވަނަ އަށްދާ ކުރެހުމަކަށް 3،000 ރުފިޔާ، ދެވަނަ އަށް 2،000 ރުފިޔާ އަދި ތިން ވަނައަށްދާ ކުރެހުމަށް 1،000 ރުފިޔާ އިނާމުގެ ގޮތުގައި ދީފައިވެ އެވެ.

މި މުބާރާތުގައި ބައިވެރިވި ކުދިން ކުރަހާފައިވަނީ “މައި ޑޭޓާ މައި ކޮމިއުނިޓީ” ތީމް އަށެވެ. މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމް ފޭސްބުކާއި ޓުވިޓާގައި އެވެ.

ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މުބާރާތުގައި ކެޓަގަރީ އެކެއް (12-14) އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން އެއް ވަނައަށް ދިޔައީ ޖަމާލުއްދީން ސްކޫލްގެ ފާތިމަތު ސާރާ ނަޒީރެވެ. ދެ ވަނައަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އައިކާ މިޝްއާލް ހާމިދު ދިޔައިރު ތިން ވަނައަށް ދިޔައީ ރެހެންދި ސްކޫލްގެ އީޝަލް އަބްދުﷲ ޖަމީލެވެ.

ކެޓަގަރީ ދޭއް (15-17) އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން އެއް ވަނައަށް ދިޔައީ ގިޔާސުއްދީން އިންޓަނެޝަނަލް ސްކޫލްގެ މަލަކް އިސްމާއިލް މުހައްމަދެވެ. ދެވަނައަށް ރ. މަޑުއްވަރީ ސްކޫލްގެ އާމިނަތު ޝައިމާ އަހުމަދު ދިޔައިރު ތިން ވަނައަށް ދިޔައީ އަރަބިއްޔާ ސްކޫލްގެ އައިޝަތު ލައިޝާ ޝިހާމް އެވެ.

ކެޓަގަރީ ތިނެއް (12-17) އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ގްރޫޕު ކެޓަގަރީން އެއް ވަނައަށް ގޮސްފައިވަނީ ރ. ހުޅުދުއްފާރު ސްކޫލުން ބައިވެރިވި އާމިނަތު ވަހުދާ، ހައްވާ ނަޝާޔާ އާއި އައިޝަތު ޝަހާގެ ޓީމެވެ. ދެވަނައަށް ދިޔައީ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުން ބައިވެރިވި އައިޝަތު އަންޖަލް ހަމީދު، އައިޝަތު ޖޫދާ ބިންތި ހުސައިން އާއި އަންޖަލް އަހްމަދުގެ ޓީމެވެ.

ކެޓަގަރީ ތިނެއްގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން ތަފާސްހިސާބަށް އަހުލުވެރިކުރުވުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް