ޕޮލިސީ ޑައިލޮގްގެ 5 ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބާއްވަނީ..

ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ 5 ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ. މިއަހަރުގެ ޕޮލިސީ ޑައިލޮގް ވަރޗުއަލްކޮށް ބާއްވާއިރު، ޑައިލޮގްގައި މައ...

21 Nov 2020 | 10:22

ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ 5 ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއަހަރުގެ ޕޮލިސީ ޑައިލޮގް ވަރޗުއަލްކޮށް ބާއްވާއިރު، ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން މަސްވެރިކަމާ، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި، ތަރައްޤީގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ، ޑިމޮކްރަސީ، އިންސާނީ ހައްޤުތައް، ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުން މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ.

އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނާނެއެވެ.

އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ.

މި ޑައިލޮގްގެ އިތުރުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި، ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް