މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ކޯވިޑް-19 މިހާތަނަށް ދުނިޔޭގެ 188 ގައުމެއްގެ 30 މިލިއަން މީހުންނަށް ޖެހިފައިވެ އެވެ.
ކޯވިޑް-19 ގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބަލީގައި މަރުވާ މީހުންނާއި ބަލި ފެތުރޭ ހަލުވިމިނެވެ. މިހާތަނަށް ދުނިޔެއިން ކޯވިޑް ޖެހިގެން 957،000 މީހުން މަރުވެފައިވެ އެވެ.
ކޯވިޑް ޖެހޭ މީހުންގެ ތެރެއިން ބަލީގެ ވޭނުގައި އުޅެންޖެހި ހާލު ސީރިއަސް ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.
މި ބަލީގައި ރާއްޖެއިން މަރުވެފައިވާ ހުރިހާ އެންމެންނަކީވެސް މިފަދަ މީހުންނެވެ. ރާއްޖެއިން މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވީނަމަވެސް ބަލީގައި މަރުވެފައިވަނީ 45 މީހުން ނުވަތަ ބަލި ޖެހުނު މީހުންގެ 0.36 ޕަސެންޓެވެ.
ބަލި ޖެހުނު މީހުންނާއި އަޅާ ބަލާއިރު މިއީ މަދު އަދަދެކެވެ. ރާއްޖެއިން ކޯވިޑް ފެނުމާއި އެކު މުޅި ގައުމު ލޮކްޑައުންކޮށްގެން ތިން މަހަށްވުރެ ގިނަ ދުވަހު ބޭއްވި އިރު މި ބަލީގައި މަރުވީ ކޮންޓްރޯލް އަދަދެކެވެ. ކޮންމެ ފަހަރަކު އެޑްމިޓް ކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރު ވަނީ ކޯވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތަކަށް ލުއި ދިނުމާއި އެކު އެވެ.
ޖުލައި އެކެއްގައި ނިއު ނޯމަލްގައި ގައުމު ހުޅުވާލުމާއި އެޑްމިޓް ކުރާ މީހުންނާއި މަރުވާ މީހުންގެ ރޭޓު އިތުރުވި އެވެ. އެކަމަކު އަނެއްކާވެސް ވަރުގަދަ ކުރުމަށް ފަހު ފިޔަވަޅުތަކަށް ލުއި ދިނުމުން މިމަހުގެ ތެރޭގައި އެޑްމިޓްކުރާ މީހުންނާއި މަރުވާ އަދަދު ވަނީ އިތުރުވެފައި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ މިދިޔަ ހަފްތާގައި ވިދާޅުވީ ކޯވިޑް އެޑްމިޓް ކުރަން ޖެހޭ މީހުން އަނެއްކާވެސް އިތުރުވާން ފެށުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެޑްމިޓް ކުރަން ޖެހޭ މީހުން އިތުރުވާ ނަމަ ބަލީގައި މަރުވާ މީހުން އިތުރުވާނެ ކަމަށެވެ.
މިދިޔަ ތިން ހަފްތާއެއްހާ ދުވަސް ކުރިން ކޯވިޑަށް ފަރުވާ ދެމުން ދިޔަ މީހުންގެ އަދަދު 700 އަށް ދަށްވިއެވެ. އެކަމަކު މިހާރު އެ އަދަދު 1،000 އާއި ގާތް ކުރާ އަދަދަކަށް ވަނީ އިތުރުވެފައި އެވެ.
އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 50 އިން ދަށްވުމަށް ފަހު އެ އަދަދު މިހާރު ވަނީ 80 އަށް އަރާފައި އެވެ. އެޑްމިޓްކޮށްފައިވާ ހުރިހާ އެންމެންނަކީ ބަލީގެ ރިސްކު ބޮޑު ދެ ކެޓަގަރީގެ މީހުންނެވެ.
މިދިޔަ ދެ ހަފްތާ ތެރޭގައި ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވަނީ ކުއްލިއަަށް އިތުރުވެފައި އެވެ. ދެ ހަފްތާ ތެރޭގައި ހަތް މީހުން ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑާއި ގުޅިގެން ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުން އިތުރުވުމެވެ. އެގޮތުން މިހާރު ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު ނުވަ ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެވެ.
ކޯވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި ފްލޫ ކްލިނަށް ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވާ ރޭޓާއި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުގެ އިތުރުން ކްލަސްޓާ އަކާއި ގުޅުމެއްނެތި ބަލި ޖެހޭ މީހުންގެ އަދަދު ހިމެނެ އެވެ.
އެހެންކަމުން އަނެއްކާވެސް ކޯވިޑް ފެތުރުން އިތުރުވިޔަ ނުދިޔުމަށް ފަރުދީ ގޮތުން ޒިންމާ އަދާ ކުރުން މުހިންމެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،497 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. އެއީ ބަލި ޖެހުނު މީހުންގެ 91 ޕަސެންޓު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް