ރާއްޖެއިން ކަނޑައެޅި އާ ސަފީރުގެ ފަތްކޮޅު އިންޑިއާ ރައީސަށް އަރުވައިފި

އިންޑިއާގެ ސަފީރުކަމަށް އަލަށް ކަނޑައެޅި ޑރ. ހުސައިން ނިޔާޒު މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދަށް އަރުވައިފި އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އޮތް މި ރަސްމިއްޔ...

21 Nov 2020 | 05:53

އިންޑިއާގެ ސަފީރުކަމަށް އަލަށް ކަނޑައެޅި ޑރ. ހުސައިން ނިޔާޒު މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދަށް އަރުވައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި އެގައުމުގެ ރައީސް ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. މި ރަސްމިއްޔާތުގައި ހަންގޭރީ އާއި ޗެޑް އަދި ތަޖިކިސްތާނުގެ އާ ސަފީރުންވެސް އިންޑިއާ ރައީސަށް ފަތްކޮޅު އެރުވި އެވެ.

މި ރަސްމިއްޔާތުގައި ޑރ. ނިޔާޒު ވިދާޅުވީ އިންޑިއާއިން އެކި ގޮތްގޮތުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ރައީސް ކޮވިންދު ވަނީ ނިޔާޒަށް މަރުހަބާ ވިދާޅުވެފައި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހިންނަށް ފާގަތި ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ޑރ. ނިޔާޒު ވަނީ ހާރިޖީ ދާއިރާގައި 14 އަހަރު ހިދުމަތް ކުރައްވާފައި އެވެ. ނިޔާޒު ވަނީ ނިއު ޒިލޭންޑުން ޑިމޮގްރަފިކް އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ޑޮކްޓްރޭޓް އޮފް ފިލޯސަފީ ހާސިލްކުރައްވައިފަ އެވެ.

ޑރ. ނިޔާޒަކީ އިންޑިއާގައި ގާއިމްވެ ހުންނަވާ ގޮތަށް ކަނޑައެޅި ހަވަނަ ސަފީރެވެ. އޭނާ އިންޑިއާއަށް ކަނއަޅާ ސަފީރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

އޭގެ ކުރިން އެ މަގާމުގައި ހުންނެވީ މިހާރުގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް