ކައްދޫ އެއާޕޯޓު ތިން އަހަރުން އިންޓަނޭޝަނަލް ވާނެ: ރައީސް މުޢިއްޒު

ހައްދުންމަތީ ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައް...

21 Oct 2025 | 06:18
ރައީސް ލ. ފޮނަދޫގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ލ. ފޮނަދޫގައި - ފޮޓޯ: ރައީސް އޮފީސް

ހައްދުންމަތީ ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ

ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ

ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަންދެއްވީ، ހައްދުންމައްޗަށް

ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ

ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ފޮނަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި

ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި،

ކައްދޫ އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑް،

އެމް.އޭ.ސީ.އެލްއާއި ހަވާލުކުރެއްވުން ހިމެނެއެވެ.

އެ މަޝްރޫޢުގެ ތަފްޞީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ

ވިދާޅުވީ، އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއްވުމަށް ބޭނުންވާ

114 ހެކްޓަރުގެ ބިންހިއްކާ، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ

ބިން މި މަޝްރޫޢުގެ ދަށުން ހިއްކާނެ ކަމަށެވެ. މި ދެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް

އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ

ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރަށް

ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް

ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭގޮތަށް ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަރަހައްދީ

ތަރައްޤީއަށްޓަކައި، ފޮނަދޫގައި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫޢުތަކަށް މުހިއްމު

މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ފޮނަދޫގައި، ދިވެހިރާއްޖޭގެ ޤައުމީ

ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ފޮނަދޫގައި ދިވެހިރާއްޖޭގެ

ޤައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫގައި އޮފީސް

ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި،

ފޮނަދޫ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އިތުރުން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް

އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ

ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކުން ރަށުގެ އިތުރުން މުޅި އަތޮޅާއި ސަރަހައްދުގެ ހުރިހާ

ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެކަމަށެވެ. އެގޮތުން ލެންގުއެޖް ސްކޫލުން ޓޫރިޒަމަށް

ޚާއްޞަކޮށްގެން ތަފާތު ބަސްތައް ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމްޕްލެކްސް ހަދާނީ 1200 މީހުންނަށް ތިބެވޭނެ

ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު

ހުންނަ ފެންވަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއި އެކު މަގުހެދުމުގެ

މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ނިމިގެންދާއިރު ރަށުގެ ހުރިހާ މަގެއް ހެދޭނެ ކަމުގެ ޔަޤީންކަންވެސް

އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ

ޓޫރިޒަމް ކުރިއެރުވުމަށް، މަސައްކަތް ކުރިއަށް ދާކަމަށާއި، ރަށުގައި އެޅުމަށް އެމަނިކުފާނު

ވަޢުދުވެވަޑައިގެންފައިވާ 500 ހައުސިންގް ޔުނިޓްގެ ތެރެއިން 100 ހައުސިންގް ޔުނިޓްގެ

މަސައްކަތް ބަޔަކާއި ޙަވާލުކުރެއްވުމުގެ ކަންކަން ކުރިއަށް ދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ފޮނަދޫގައި ސަޢުދީ ފަންޑްގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް

ނިންމަވާފައިވާ ކަންވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ މުހިއްކު މަޝްރޫޢެއް ކަމަށްވާ،

ބަންކަރިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމުގެ މަސައްކަތް

މިހާރު އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަޔަކާއި ޙަވާކުކުރުމުގެ މަރުޙަލާގައި ކަމަށް

އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ އިޤުތިޞާދު

ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، 'ފުނިޖެހިފައިވާ'

އެތައް ބިލުތަކަކަށް ފައިސާ ދެއްކެވުމުގެ ކަންކަން، ކުރިއަށް ގެންދަވާނީ އެމަނިކުފާނު

ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކުރައްވައި، ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ފަތުވެރިކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި،

ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އެތައް މަސައްކަތެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން

ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކުރިއަށް އޮތް މަދުދުވަސްކޮޅުގެ ތެރޭގައި ކޮންސްޓްރަކްޝަން

މަސައްކަތް ކުރައްވާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތަކެއް ލިބި، ކުރިއަށް

އޮތީ ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ދުވަސްތަކެއް ކަމުގައި ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް