ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިރޭ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް ދެކޮޅަށް ކުޅޭ މެޗުން މޮޅުވެވޭނެ ކަމަށް އިންޓަ މިލާންގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަދައްކަމުން ކޮންޓޭ ބުނީ ޓްރާންސްފާ މާކެޓުގައި ޓީމާ ގުޅުނު ކުޅުންތެރިންނާއެކު މިފަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިންޓަ މިލާނުން ތަފާތު ދައްކާނެ ކަމަށެވެ.
ކޮންޓޭ ބުނީ ޔޫރަޕުގެ މިފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާއިރު ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށާއި މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގުގެ ފައިނަލަށް ޓީމު ދަތުރުކުރުމުގެ ފައިދާ މިފަހަރު ފެންނާނެކަމަށެވެ.
މީގެ އިތުރުން ކޮންޓޭ ބުނީ އިންޓަ މިލާނަކީ ގުރޫޕްގެ ފޭވަރިޓުންނޭ ބުނަން ނޭންގެކަމަށާއި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިންޓަ މިލާނަށް ވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަކަމަށެވެ. އެއީ 100 މިލިއަން ޕައުންޑުގެ ޓީމެއް ކަމަށާއި އެޓީމު ގްރޫޕުގައި އޮއްވާ އިންޓަ މިލާނަކީ ފޭވަރިޓުންނޭ ބުނެވޭނެ ޖާގައެއް ނެތްކަމަށް ކޮންޓޭ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް