ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވިއެޓްނާމުން މަރުވި މީހުންގެ އަދަދު 105 އަށް އަރާފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފި އެވެ.
ރޮއިޓާޒްއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މަރުވި މީހުންގެ 3 ބައިކުޅަ 1 ބައި ހިއްސާކުރަނީ އަސްކަރީ ސިފައިން ނެވެ. މިހާ ގިނަ އަދަދެއްގެ ސިފައިން މަރުވެފައި ވަނީ، އެމީހުން ދިރިއުޅެމުންދިޔަ ބެރެކްސްތައް ޗަކައިގެ ދަށުވެގެން ނެވެ.
މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައި ވާއިރު، 27 މީހަކަށް ވީނުވީއެއް އަދިވެސް ނޭނގެ އެވެ. އަދި މީގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވި 15 މީހަކު ހިމެނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ވިއްސާރައިގެ ސަބަބުން، 5 މިލިއަނެއްހާ މީހުން ވަނީ ހާލުގައިޖެހިފަ އެވެ. ވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި އެއްލައްކަ 78 ހާހެއްހާ ގެ ފެނު އަޑިއަށް ގޮސްފައި ވާއިރު، 7000 ހެކްޓަރުގެ ދަނޑުބިމަށްވެސް ގެއްލުންތަކެއް ވެފައި ވާ ކަމަށް ޚަބަރު ލިބެއެވެ. އަދި ހަލައްކަ ނުވަދިހަ ހާހެއްހާ އެއްހާ ނާމްސޫފިވެސް ފެންގަނޑުގައި އޮޔާ ގެންގޮސް، ނުވަތަ މަރުވެފައި ވާކަމަށްވެސް ޚަބަރު ލިބެ އެވެ.
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް، އައި.އެފް.އާރްސީ އިސް އޮފިޝަލެއް ކަމަށްވާ ކްރިސްޓޮފާ ރާސީ ވިދާޅުވީ މި ވިއްސާރައާއެކު އެތައް މިލިއަން ބަޔަކު އިންތިހާ ފަގީރު ކަމުގެ ތުންފަތް މައްޗަށް ވައްޓާލާނެ ކަމަށެވެ.
ކަންމިހެން އޮތްއިރު، ވިއެޓްނާމަށް އިތުރު ތޫފާނެއް އަރާފާނެ ކަމުގެ އިންޒާރުވެސް މިހާރު ވަނީ ދީފަ އެވެ.
އެގޮތުން، އަންނަ ހޮނިހިރު ދުވަހު މި ތޫފާން، ވިއެޓްނާމަށް އެރުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް