އެކިއެކި ބޭނުންތަކަށް ރާއްޖެއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ގިނަ ލޯނުތަކަށް 2024 ވަނަ އަހަރާ ހަމައަށް ގްރޭސް ޕީރިއަޑެއް ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ދައުލަތުގެ ދަރަނީގެ ހަލާތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ރިޕޯޓާ ގުޅިގެން އުފެއްދި މުޅި މަޖިލިސް ކޮމިޓީގެ ބައްދަލުވުމުގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ދަރަނީގެ ހާލަތާ ބެހޭ ގޮތުން އެކުލަވައިލި ރިޕޯޓުގައި ވަނީ، ދަރަނި މެނޭޖް ކުރުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ބައެއް ކަންތައްތަކާއި އަދި ލޯން މެނޭޖް ކުރަން ބައެއް ރިކޮމެންޑޭޝަން ހުށަހަޅާފަ އެވެ. ޒާހިރު މުޅި މަޖިލިސް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ރައީސު ނަސީދުއާ ކުރެއްވި ސުވާލުގައި ވިދާޅުވީ، ރިޕޯޓުގައި ބަޔާން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކަށް ބަލާއިރު ކިހާ ދުވަހެއްގެ ތެރޭގައި ދަރަނި މެނޭޖް ކުރެވިދާނެތޯ އެވެ.
އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ، ދައުލަތުގެ މިހާރުގެ ކޭޝް ފްލޯއަށް ބަލާއިރު، ބޭރުގެ ގައުމުތަކުންނާއި ފައިނޭންޝިއަލް އިންސްޓިޓިއުޓް ތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ގިނަ ލޯނުތަކަށް 2024 ވަނަ އަހަރާ ހަމައަށް ގްރޭސް ޕީރިއަޑެއް ބޭނުންވާ ކަމަށެވެ. އަދި އޭގެ އިތުރުން އެ މަނިކުފާނު އުއްމީދު ކުރައްވަނީ ގިނަ ލޯނުތަކުގެ އިންޓްރެސްޓަށާއި، ފޭސް ވެލިއުއަށް ބަދަލު އަންނާނެނެ ކަމަށެވެ. އަދި އެގޮތަށް އުއްމީދު ކުރައްވަން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"ކޭޝް ފްލޯއަށް ބަލާއިރު 2024 އާ ހަމައަށް ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑެއް އެބަ ބޭނުންވޭ" ނަޝީދު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވެސް ވަނީ މި ވަގުތު ބޭރުގެ ދަރަނިތަކަށް ގައުމު ދަރާ އޮތްވަރާއި މެދު ކަންބޮޑުވުން ފައުޅުކޮށް، ބޭކަރު ލޯނުތަށް ނުނެގުމަށް އެދިފަ އެވެ. އަދި ލޯނު ނަގާނަމަ ގައުމުގެ އިގްތިސޯދު ބަގުރޫޓު ވެދާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، މި މަޖިލީހުގެ މެމްބަރުން ގައުމުގެ އިގްތިސޯދު ބަގުރޫޓު ވިޔަ ނުދޭނެ ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މާލިމީ ކަމުގައި ގައުމުގެ އިގްތިސޯދު ހަމަޔަކަށް އަޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މި ހާލަތުގައި ވެސް ލޯނު ނަގަން ޖެހޭ ކަމަށާއި އެނޫން ގޮތެއް ނެތް ކަމަށެވެ. އަދި ސަރުކާރުން މުވައްޒިފުންގެ މުސާރަ ނުދީ ބައިތިއްބަން ބޭނުންނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް