ރިސޯޓުގައި މުޒާހަރާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ކޮމިޓީން ފާސްކޮށްފި

ރިސޯޓުތަކުގައި މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާކޮށްފައިވާ މައްދާ އިސްލާހުކޮށް، ރިސޯޓްތަކުގެ މުވައްޒަފުން އެ ރިސޯޓެއްގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދި...

21 Oct 2020 | 08:44

ރިސޯޓުތަކުގައި މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާކޮށްފައިވާ މައްދާ އިސްލާހުކޮށް، ރިސޯޓްތަކުގެ މުވައްޒަފުން އެ ރިސޯޓެއްގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދިނުމަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ގޮތަކީ ރިސޯޓްތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ކޮންމެ ރިސޯޓެެއްގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިޖްތިޖާޖްކޮށް ޝުއޫރު ފާޅުކުރެވޭ ގޮތަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި އެ އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ރިސޯޓްތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި މުޒާހަރާ ނުކުރެވޭ ކަމަށެވެ. އީސާގެ އެ އިސްލާހު ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އީސަ ހުށަހެޅުއްވި އިސްލާހު އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު އޭރު ހުށަހެޅުއްވީ އެއްވެ އުޅުމުގެ ހައްގު ހަނިކުރެވޭ ގާނޫނު އުވާލުމަށެވެ. އަދި19 ވަނަ މަޖިލީހުގައި ވެސް ޖާބިރު ވަނީ އެއްވެ އުޅުމުގެ ހައްގު ހަނިކުރެވޭ ގާނޫނު އުވާލަން ހުށަހަޅާފަ އެވެ. އެ އިސްލާހު ތަޅުމުން ބަލައިގަތުމަށް ފަހު ދިރާސާ ކުރަން ފޮނުވާފަ އޮންނަތާ ވަރަށް ގިނަ ދުވަސް ވާނީ ވެފަ އެވެ.

މިއީ ކުރީގެ ސަރުކާރުގައި، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި  ގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ދިރާސާކުރުމުގެ ތެރެއިން ކޮމިޓީ އިން ގެނައި އިސްލާހެެކެވެ.

މި ބިލަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު ވެސް ޖާބިރު ހުށަހެޅުއްވި އެވެ.އެ ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވި ފަހުން ކޮމިޓީގައި އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް