ގާނޫނު އަސާސީގައި ލިޔަންވީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް ފެންނަ ކަމުގައިވަނީނަމަ ދައުވާކުރަން ކަމަށް ޕޮރެސެކިއަޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، މެމްބަރު ސަނީފުގެ ޝުއޫރުތަށް ހުންނާނެ ގޮތް އެގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އޭނާ މަސައްކަތް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން މަޖިލީހުގެ މެމްބަރުންނަށް މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ދެކިވަޑައިގަތަސް އެކަން އެގޮތަށް ކުރުމުގެ ޖާގަ ގާނޫނު އަސާސީން ލިބިދީފައި ނުވާ ކަމަށެވެ.
"ގާނޫނުގައި ލިޔަންވީ މަޖިލިސް މެމްބަރުންނަށް ފެންނަމަ ދައުވާކުރަން، އޭރުން އަޅުގަނޑު އެކަން ކުރާނަން" ޝަމީމް ވިދާޅުވި އެވެ.
ސަނީފު އޭނާއަށް ސުވާލު ކުރަން ލިބުނު ފުރުސަތުގައި ވިދާޅުވީ، މިހާރު ހިނގަމުންދާ ކަންތައް ނުބެލޭ ކަމަށް ވަންޏާ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ހުރި ކަންތައް ނުބެލޭނެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން ފެއިލްވާތަން ރައްޔިތުންނަށް ދައްކަން ބޭނުން ނުވާ ކަމަށާއި، އެއަށްވުރެ ކުރިން މިނިވަން މުއައްސަސާތަކުގެ ވެރިން ވަކިކުރާނެ ކަމަށް ސަނީފު ވިދާޅުވި އެވެ. އަދި މުއައްސަސާތަކުގެ ވެރިންގެ ކިބައިން ފެންނަނީ ނާއުއްމީދީ ކަންތައް ކަމަށެވެ. އަދި ވިދާޅުވީ، ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާ ކަމަށާއި، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތަކަށް ރިއާޔަތްކޮށް ވެސް ޕީޖީ އޮފީހަށް ދައުވާ ކުރެވޭނެ ކަމަށް ސަނީފު ވިދާޅުވި އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ ޝަމީމް ވިދާޅުވީ، އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރާ ރިޕޯޓަކާ ގުޅިގެން ދައުވާ ކުރުމުގެ ބާރު ޕީޖީއަށް ގާނޫނު އަސާސީން ނުލިބޭ ކަމަށެވެ. އަދި މެމްބަރުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުތަކަށް ޖިނާއި ދައުވާ ކުރެވޭ ގޮތަށް ގާނޫނު އަސާސީގައި ލިޔެފިނަމަ އޭނާ އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް